އަތޮޅުތަކުގެ ރަށްރަށުގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ބޭރުކުރުމަށްޓަކައި ޚާއްޞަ އުޅަނދުތަކެއް ބޭނުންކުރުމަށް ނިންމާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މުރުތަޟާ ވިދާޅުވީ، ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ އިތުރުން، އެ ތަކެތި ކަނޑުމަގުން އުފުލުމަށް ޚާއްޞަ ތިން އުޅަނދެއް ބަންނަމުންދާ ކަމަށެވެ.
މީގެ ތެރެއިން އެއް އުޅަނދު އިންޑިއާގައި ބަނދެ ނިމިފައިވާއިރު، އެ އުޅަނދު ރާއްޖެ ގެނައުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.
މުރުތަޟާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންޑިއާގައި ބަނދެފައިވާ އުޅަނދުގެ އެންމެ ފަހުގެ އިންސްޕެކްޝަނަށް މި ހަފްތާގެ ތެރޭގައި ޓީމެއް ފުރާނެއެވެ. މީގެ އިތުރުން ރާއްޖޭގައި ބަންނަމުންދާ ދެ ލޭންޑިންގ ކްރާފްޓްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމައި، އޮޕަރޭޝަނަށް ނެރެވޭނެ ކަމަށްވެސް މުރުތަޟާ ވިދާޅުވިއެވެ.
”މެރިން ޓްރާންސްޕޯޓްއަށްކަމަށް ވާތީ ކަނޑުގައި ދުއްވާ މިކަމަށް ޚާއްސަކޮށް ޑިޒައިން ކުރެވިގެން އުޅަނދުތައްވެސް ހޯދަން އެބަޖެހޭ،“ މުރުތަޟާ ވިދާޅުވިއެވެ.
ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އަތޮޅުތަކާއި ސިޓީތަކުގައި ކުނި މެނޭޖްކުރާނެ ނިޒާމުތައް ޤާއިމުކުރުމާއި، ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުތައްވެސް ދަނީ ކުރިއަށެވެ. ސަރުކާރުގެ އަމާޒަކީ ”ގްރީން އިކޮނޮމީ“ އާއި ”ސާކިއުލަރ އިކޮނޮމީ“ އަށް ބިނާވެފައިވާ، ވަށައިޖެހޭ ޤައުމީ ނިޒާމެއްގެ ދަށުން ތިމާވެށްޓާއި އިންސާނުންގެ ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ.
މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ދާއިރާއަކީ ޔުޓިލިޓީ ޚިދުމަތެއްގެ ގޮތުގައި މިހާރު ވަނީ ޤާނޫނީ ގޮތުން ކަނޑައަޅާފައެވެ. މި ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުނި މެނޭޖްކުރުމުގެ ޢާންމު ޤަވާއިދާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމާބެހޭ ޤަވާއިދުތައް ގެޒެޓްކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައްވެސް ތިމާވެށްޓާ ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.


