އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުން އދ. އިން އިސްނަގައިގެން ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބައްދަލުވުން ކަމަށްވާ ”ޔޫއެން ގްލޯބަލް ޑައިލޮގް އޮން އާޓިފިޝަލް އިންޓެލިޖެންސް ގަވަރނަންސް“ ގައި ދިވެހިރާއްޖޭން ބައިވެރިވެއްޖެއެވެ.
ޖެނީވާގައި ކުރިއަށްދާ މި ސަމިޓަކީ އޭއައިގެ ދާއިރާއިން ބައިނަލްއަގުވާމީ ސިޔާސަތުތައް ކަނޑައެޅުމުގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ބޮޑު ހަރަކާތެވެ.
މި ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ މަތީ ފެންވަރުގެ ވަފުދު ލީޑުކުރައްވަނީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ. މި ވަފުދުގައި ވަޒީރުގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފް އާއި، ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މަންދޫބުންނާއި ޕީޖީ އޮފީހުގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ޑައިލޮގްގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއް ޝާމިލުވާ، ހާމަކަން ބޮޑު އަދި ޒިންމާދާރު ގޮތެއްގައި އޭއައިގެ ވަސީލަތްތައް ބޭނުންކުރެވޭނެ ފަދަ ހަރުދަނާ ގަވަރނަންސް ނިޒާމެއް ބިނާކުރުމަށް މަގުފަހިކުރުމެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ ލީޑަރުންނާއި ޓެކް މާހިރުން މަޝްވަރާކުރައްވާނީ ޓެކްނޮލޮޖީގެ ސަބަބުން އިންސާނުންގެ ހައްގުތަކަށާއި ގައުމުތަކުގެ ސަލާމަތަށް ނުރައްކާނުވާނެހެން އޭއައި މެނޭޖްކުރާނެ އުސޫލުތައް އެކުލަވާލުމާ ގުޅޭގޮތުންނެވެ.
މި ސަމިޓުގެ ތެރެއިން ލިބޭ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ދާޚިލީ ސަލާމަތާއި، ޖިނާއީ ތަހުގީގުތަކުގެ ނިޒާމާއި، އަދި ޝަރުއީ ދާއިރާގައި ޒަމާނީ އޭއައި ޓެކްނޮލޮޖީ ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ގައުމީ އޮނިގަނޑެއް އެކުލަވާލުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.


