ޗައިނާގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން މިހާތަނަށް 10 މީހުން މަރުވެެ، އެތައް ބަޔަކު ގެއްލިއްޖެއެވެ.
މި ހާދިސާތަކާ ގުޅިގެން ޗައިނާގެ މޫސުމާ ބެހޭ އިދާރާތަކުން ވަނީ ޗައިނާގެ ނުރައްކަލުގެ ހާލަތު އެންމެ މަތީ ދަރަޖައަށް ނެރެފައެވެ.
މި ނިންމުން ނިންމާފައިވަނީ ގުއަންގްޝީ ސަރަހައްދުގެ ބޮޑެތި ކޯރުތައް ފުރި، ފެންގަނޑު ބަންޑުވެ، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވަދެ، ހާލަތު ކޮންޓްރޯލުން ނެއްޓުމުންނެވެ. މި ކާރިސާއާ ގުޅިގެން މިހާތަނަށް 480,000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި ގަންސޫ ޕްރޮވިންސުގެ ލޯންގްނާން ސިޓީގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 33 މީހަކު ފަސްގަނޑުގެ ދަށުގައި ވަޅުލެވުނުއިރު، އޭގެ ތެރެއިން ސަލާމަތް ކުރެވުނު 17 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން، ހޫބޭ ޕްރޮވިންސުގެ އެކި ސިޓީތަކަށް އެރި ނަގޫރޯޅިތަކުގެ ސަބަބުން އިމާރާތްތަކަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ކަމާބެހޭ ފަރާތްތަކުން ދަނީ ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
ޗައިނާގެ ސަރުކާރުން މިހާރު ދަނީ ކުރިއަށް އޮތް ”ބާވީ” ސުޕަ ޓައިފޫނަށް ތައްޔާރުވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. މި ތޫފާނުގެ ސަބަބުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އިރުމަތީ ޗައިނާއަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށާއި، 180 މޭލަށް ވައިގަދަވާނެ ކަމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.
މި ވިއްސާރަ އާއި ފެންބޮޑުވުމުގެ ސަބަބުން ޗައިނާގެ ދަނޑުވެރިކަމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެތައް ހާސް ހެކްޓަރެއްގެ ދަނޑުބިންތަކުގައި ފެންބޮޑުވެ، ގޮވާމުގެ ބާވަތްތައް ވަނީ ހަލާކުވެފައެވެ. މީގެ އިތުރުން، ގިނަ އަދަދެއްގެ ކާރުޚާނާތަކާއި މަސައްކަތްކުރާ ތަންތަން ބަންދުކުރަން ޖެހުމުގެ ސަބަބުން އެ ސަރަހައްދުތަކުގެ އިގްތިސާދަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ.
ކުއްލި އެހީ ފޯރުކޮށްދޭ ޓީމުތަކުން ދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދެމުންނެވެ. މޫސުމީ މާހިރުން ފާހަގަކުރާ ގޮތުގައި، ފަހަކަށް އައިސް ޗައިނާއަށް ކުރިމަތިވަމުންދާ މިފަދަ ނުރައްކާތެރި މޫސުމީ ހާދިސާތަކަކީ ދުނިޔޭގެ ހޫނުމިން އިތުރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަންކަމެވެ.




