އިންޑިއާގެ ބެންގަލޫރުގައި އުމުރުން ދުވަސްވީ އަންހެނަކު އައުޓްޑޯ ޖިމެއްގައި ކަސްރަތު ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވައިރަލްވެ، އިންޓަނެޓުގައި ބޮޑު ބަހުސަކަށް ވެއްޖެއެވެ.
އިތުރު މީހެއްގެ އެހީތެރިކަމަކާ ނުލައި، އެމީހާ ކަސްރަތު ކުރާ މަންޒަރު ދައްކުވައިދޭ 10 ސިކުންތުގެ ވީޑިއޯ ކްލިޕެއް މިހާރު ވައިރަލް ވެފައިވާއިރު، އެއަށް ކޮމެންޓުކުރި ބައެއް މީހުން ވަނީ އައުޓްޑޯ ޖިމްތަކުގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދައި އުމުރުން ދުވަސްވީ މީހާގެ ރައްކާތެރިކަމާމެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސަންދީޕް ޕާސްވަނަތު ”އެކްސް“ ގައި ޕޯސްޓު ކޮށްފައިވާ އެ ވީޑިއޯއިން ފެންނަނީ ސާޅިއެއް އަޅައިގެން ހުރި އުމުރުން ދުވަސްވީ އަންހެނަކު އެ ޖިމްގައި ހުރި އެއަރ ސްވިންގް މެޝިނަކަށް އަރައިގެން ކަސްރަތުކުރާ މަންޒަރެވެ. އެމީހާގެ ހަރަކާތްތައް ވަރަށް އަވަސްކަން ވެސް ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.
އެ ވީޑިއޯ ހިއްސާ ކުރަމުން ސަންދީޕް ސުވާލުކޮށްފައިވަނީ، އައުޓްޑޯ ޖިމެއްގައި ހުންނަ މެޝިނުތައް ރަނގަޅަށް ސުޕަވައިކުރަން ނުޖެހޭ ތޯއާއި މެޝިނުތައް ބޭނުން ކުރަންޖެހޭ ގޮތްތައް ދައްކުވައިދޭ އިރުޝާދެއް ވެސް ފެންނަން ހުންނަން ޖެހޭ ކަމަށެވެ.
އެކަމާ ބެހޭގޮތުން އެކި މީހުންގެ ހިޔާލުވަނީ ތަފާތު ވެފައެވެ. އެގޮތުން އެއްބަޔަކު ބުނެފައިވަނީ ސަންދީޕް ދެއްކީ ރަނގަޅު ވާހަކައެއް ކަމަށާއި ރައްކާތެރިކަމުގެ ގޮތުން އެއީ އެޅުން ރަނގަޅު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އަނެއްބަޔަކު ބުނެފައިވަނީ އަމިއްލަ ޒިންމާދާރުކަމަކީ ވެސް އޮންނަން ޖެހޭނެ ކަމެއް ކަމަށާއި އިރުޝާދުތައް ހިމެނޭ އިތުރު ބޯޑުތައް ބެހެއްޓުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ނޫން ކަމަށެވެ. އަދި އުމުރުމް 50 އަށްވުރެ މައްޗަށް ދިޔުމުން ކަސްރަތު ކުރަން ޖިމަށް ދިޔުމަކީ މޮޔަކަމެއް ކަމުގައިވެސް ބުންޏެވެ.



