އދ. ދިއްދޫގައި ގާއިމްކުރި ފުޓްސަލް ދަނޑު އިއްޔެ ހުޅުވައިފިއެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކުރި މިދަނޑު ހުޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ދަނގެތީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުﷲ ރަޝީދާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މުބީން، އެރަށު ކައުންސިލްގެ ރައީސް އަނީސް މުހައްމަދު، އަދި ކައުންސިލްގެ މެމްބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުމްލަ 1.74 މިލިޔަން ރުފިޔާ ޚަރަދުވި މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ހިމެނެނީ ބިންގަނޑު އެއްވަރުކުރުން، ލައިޓް ޕޯސްޓް ހަރުކުރުން، ގޯލް ޕޯސްޓް ހެދުން، ބެންޗް ހެދުން، ދަވާދުލުމުގެ މަސައްކަތުގެ އިތުރުން ޓާރފް އެޅުމުގެ މަސައްކަތެވެ.
ދިއްދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން އެކުވެރިކަމުގެ ފުޓްސަލް މެޗެއްވެސް އެ ދަނޑުގައި ވަނީ ކުޅެފައެވެ.
ދިއްދޫގައި އަލަށް ގާއިމުކުރެވިގެން މިދިޔަ ފުޓްސަލް ދަނޑަކީ ރަށުގެ ކުޅިވަރަށް ލޯބިކުރާ އެންމެހާ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ މުހިންމު މަސައްކަތެކެވެ. 234 މީހުންގެ އާބާދީއެއް އޮންނަ ދިއްދޫއަށް އަލަށް އިތުރުކުރެވުނު މި ދަނޑާއެކު ރަށުގެ ކުޅިވަރުގެ ތަރައްގީއަށް ގިނަ ކުރިއެރުންތަކެއް އަންނާނެއެވެ.



