މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރާނެ ޓީމުތައް ދެނެގަތުމުގެ ރޭހުގައި އިންލެންޑާއި އާޖެންޓީނާ ކުރިއަށް ޖެހިލައިފިއެވެ.
އެގޮތުން ރާއްޖެ ގަޑިން ރޭ ދަންވަރު 2:00 ގައި ފެށި މެޗުން އިންގްލެންޑް ވަނީ 2-1 އިން ނޯވޭ ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އެ މެޗަށްފަހު ރާއްޖެ ގަޑިން 6:00 ގައި ފެށި މެޗުން ސްވިޒަލޭންޑާ ވާދަކުރި މެޗުގައި އާޖެންޓީނާ ވަނީ 3-1 އެ މެޗު ކާމިޔާބުކޮށް ސެމީން ޖާގަ ހޯދާފައެވެ.
އިންގްލޭންޑާއި ނޯވޭ ބައްދަލުކުރި މެޗުގައި، އިންގްލެންޑުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު މި މެޗުގެ ފުރަތަމަ ހައިޑްރޭޝަން ބްރޭކާ ހަމައަށް ދެ ޓީމަށް ވެސް ހަމަލާއެއް ނުއުފެއްދުނެއެވެ.
އޭގެ ފަހުން ނޯވޭ ވަނީ މެޗުގެ 36 ވަނަ މިނެޓުގައި އަންޑްރޭސް ޝާލްޑްރަޕްގެ ގޯލަކުން ލީޑު ނަގާފައެވެ. ގޯލުގެ ބިލްޑް އަޕްގައި ހެރީ ކޭން އަށް ފައުލް ކުރީ ކަމަށް ނޯވޭއިން އެޕީލް ކުރުމުން ވީއޭއާރު ބެލުމަށްފަހު ވެސް ރެފްރީ ވަނީ އެއީ ގޯލެއް ކަމަށް ނިންމި ނިންމުން ދަމަހައްޓާފައެވެ.
ނަމަވެސް 45 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ބެލިންހަމް ވަނީ އިންގްލެންޑަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި ކޯނަރެއްގައި ޓޯބްޔޯން ހެގެންސް ނޯވޭ އަށް އަލުން ލީޑު ނަގައިދިން ކަމަށް ހީކުރެވުނު ނަމަވެސް ކޯނަރު ނެގުމުގެ ކުރިން އާލިން ހާލަންޑް އިންގްލެންޑްގެ ޖޯން ސްޓޯންސް އަށް ފައުލް ކޮށްފައި ވާތީ ވީއޭއާރު ރިވިއު އަށްފަހު ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފައެވެ.
އިންގްލެންޑް މޮޅުވި ލަނޑު ޖެހީ ފުރިހަމަ ވަގުތުގެ ނަތީޖާ އެއްވަރު ވެގެން ކުޅިވި އިތުރު ވަގުތުގެ ފުރަތަމަ ހާފުގަ އެވެ. އިތުރު ވަގުތު ފެށިގެން ތިންވަނަ މިނިޓުގައި މޯގަން ރޮޖާސް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ކީޕަރު އޯޔާން ނައިލަންޑް ދިފާއު ކުރި ވަގުތު، ބެލިންހަމް ވަނީ ރީބައުންސް ބޯޅައަށް އަރައި އެއްފަހަރުން ގޯލަށް ފޮނުވާލައިފައެވެ.
މި ނަތީޖާއާ އެކު ބެލިންހަމް އާއި ހެރީ ކޭން ވެސް ވަނީ ވޯލްޑް ކަޕްގައި މިހާތަނަށް ހަ ގޯލު ކާމިޔާބު ކޮށްފަ އެވެ. އަދި މި މެޗާ އެކު އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ، ޖުމްލަ 18 މެޗާ އެކު، ކުރިން 17 މެޗު ކުޅެގެން ޕީޓާ ޝެލްޓަން އަތުގައި އޮންނަ ވޯލްޑް ކަޕްގައި އިންގްލެންޑަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފައެވެ.
މިއަދު ހެނދުނު ކުޅުނު މެޗުގައި، އާޖެންޓީނާއިން ފުރަތަމަ ލަނޑު ޖަހާފައިވަނީ 10 ވަނަ މިނެޓުގައި ލިއޮނެލް މެސީގެ ކޯނަރަކުން އެލެކްސިސް މެކްއަލިސްޓާ އެވެ.
ފުރަތަމަ ހާފުގައި ސްވިލަޒެލެންޑް ހޯދި ފުރުސަތުތައް މާ ރަނގަޅަށް ބޭނުން ނުކުރެވުނަސް އެ ޓީމުން ވަނީ މެސީ ހުއްޓުވުމުގައި ފުރިހަމަ ކުޅުމެއް އެ ހާފުގައި ދައްކާފައެވެ.
ސްވިޒަލެންޑް އެއްވަރު ކުރީ މެޗުގެ 67 ވަނަ މިނެޓުގައި ޑޭން އެންޑޯއީ އަރިމަތިން އަރައި ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ކުރިން ބްރީލް އެމްބޫލޫ އާއި ގްރޭނިޓް ޒާކާގެ ހަމަލާތަކެއް އާޖެންޓީނާގެ ކީޕަރު އެމީ މާޓިނޭޒް ވަނީ ދިފާއު ކޮށްފައެވެ.
އޭގެ ދެ މިނެޓް ފަހުން އާޖެންޓީނާގެ ލިއަންޑްރޯ ޕަރޭދޭސް، ސްވިޒަލެންޑްގެ އެމްބޫލޫ އަށް ފައުލް ކުރީ ކަމަށް ރެފްރީ ނިންމުމުން ސްވިޒަލެންޑްގެ އެޕީލްއާ ގުޅިގެން ރެފްރީ ވަނީ ވީއޭއާރު ރިވިއު ކޮށްފައެވެ. ރިވިއު އަށްފަހު ރެފްރީ ވަނީ އެމްބޫލޫ ޑައިވް ކުރީ ކަމަށް ނިންމައި އޭނާއަށް ރީނދޫ ކާޑު ދައްކައިފަ އެވެ.
މިއީ މި މެޗުގައި އެމްބޫލޫގެ ދެވަނަ ރީނދޫ ކާޑަށް ވުމުން އެ ކާޑާ އެކު ރެފްރީ ވަނީ ރަތް ކާޑު ވެސް ދައްކައިފަ އެވެ. އޭނާއަށް ފުރަތަމަ ހާފު ނިމެނިކޮށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ ވެސް ޕަރޭދޭސް އަށް ކުރި ފައުލަކަށެވެ.
ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް އާޖެންޓީނާ އަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ މިޑްފީލްޑުން ވައްޓާލި ޑައިގޮނަލް ޕާހެއް މެސީ ހުސްކޮށް އަރައި މެއިން ކޮންޓްރޯލް ކޮށްލާފައި ކީޕަރު ބޯ މަތިން ފޮނުވާލަން ޖައްސާލި ބޯޅަ ކީޕަރު ގްރެގޯ ކޯބެލް އަތުލި އިރު ލައިންސްމަން ވަނީ އޮފްސައިޑް ކަމަށް ދިދަ ނަގައިފަ އެވެ. ނަމަވެސް ރީޕްލޭ އިން ދެއްކީ މެސީ އޮންސައިޑްގައި ހުރި ތަނެވެ.
އޭގެ ދެ މިނެޓް ފަހުން ނިކޯ ގޮންޒާލެޒް ނެގި ހުރަހެއް މެކްއަލިސްޓާ ބޮލުން ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
އާޖެންޓީނާ މޮޅުވީ 112 ވަނަ މިނެޓުގައި ހޫލިއަން އަލްވަރޭޒް ޖަހައިދިން ގޯލުންނެވެ. އޭނާ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިފަ އެވެ. އަދި ލީޑު ފުޅާ ކޮށް ސަޕޯޓަރުން ހަމަޖައްސާލީ 120 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތަރު މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓުގައި އަވަސް ކައުންޓާ އެއްގައި ލަޓައުރޯ މާޓިނޭޒް ޖަހައިދިން ގޯލުންނެވެ.
ސެމީ ފައިނަލްގައި އާޖެންޓީނާ ބައްދަލުކުރާނީ އިންގްލެންޑާ ދެކޮޅަށެވެ.




