ދިވެހި ފިލްމު އިންޑަސްޓްރީގައި ކާމިޔާބު ފިލްމުތަކެއް އުފައްދައި ކުރިއަރަމުން އަންނަ އައިފިލްމް އިން މިހާރު ޝޫޓިންގް ފަށާފައިވާ ”ޕާޓީ“ ގެ އެއް އެކްޓަރު ކަމަށްވާ އަލީ އާޒިމް (ދޮން އައްޔަ) އަށް ޝޫޓިން ތެރޭގައި އަނިޔާވެއްޖެއެވެ.
ދޮން އައްޔައަށް އަނިޔާވެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގައެވެ. އެނގިފައިވާ ގޮތުގައި ”ޕާޓީ“ ފިލްމުގެ މަންޒަރެއް ނަގަމުން ދަނިކޮށް ވެއްޓި، ދޮން އައްޔަގެ ކޮނޑުހުޅުން ވަނީ ނެއްޓިފައެވެ.
އޭނާއަށް އަނިޔާވުމުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކިކަމަށާއި 16 ވަނަ ދުވަހު ރިވިއުއަށް އޭނާ އަލުން ޑޮކްޓަރަށް ދައްކަން ދާން ޖެހޭކަމަށް އައިފިލްމްސްއިން ބުނެފައިވެއެވެ.
”ޕާޓީ“ ގައި މުހިންމު ރޯލެއް ކުޅޭ ދޮން އައްޔައަށް އަނިޔާވުމާ ގުޅިގެން ދެން އެ ފިލްމުގެ ޝޫޓިން ކުރިއަށް ދާނީ އޭނާ އަލުން ޑޮކްޓަރަށް ދައްކައި ރިވިއު ކުރުމަށްފަހު ކަމަށް ވެސް އައިފިލްމްސް އިން ބުނެފައިވެއެވެ.
މިދިޔަ މަހު ޝޫޓިން ފަށާފައިވާ މި ފިލްމުގެ ކާސްޓެއް އާންމުކުރި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން އައިފިލްމްސް އިން ވަނީ، ދިވެހި ފިލްމު އިންޑަސްޓްރީގެ ”ކުއީން“ ނިއުމާ މުހައްމަދުގެ ވަރަށް ބޮޑު ހިއްސާއެއް މިފިލްމުގައި ވާނެކަން އިއުލާނު ކޮށްފައެވެ.
ނިއުމާ މި ފިލްމުގައި އުޅެނީ ޕްރޮޑަކްޝަންގެ މަސައްކަތުގައި ކަމެއް ނުވަތަ އެކްޓަރެއްގެ ހައިސިއްޔަތުން ކަމެއް ޔަގީންވެފައެއް އަދި ނުވެއެވެ. ނަމަވެސް ނިއުމާގެ ޕޯސްޓުތަކުންނާއި ސްޓޯރީން ”ޕާޓީ“ އާ އޭނާ ގުޅިފައިވާކަން ކަށަވަރުވެއެވެ.



