މިއަހަރުގެ އޭލެވެލް އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައި، ފޯމު ދޫކުރަަން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން ބުނީ، އަންނަ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައި ބާއްވާ ކޭމްބްރިޖް އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ހުޅުވާލައި، ފޯމު ދޫކުރަން ފަށާފައިވާ ކަމަށެވެ.
އެޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި މި އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން މި ހިނގާ ޖުލައި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 12 ޖެހުމުގެ ކުރިންނެވެ. މި މުއްދަތުގެ ތެރޭގައި އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ދަރިވަރުންވެސް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށް ޑީޕީއީން ބުންޏެވެ.
އެޑިޕާޓްމަންޓުން ބުނީ، އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އޮންލައިންކޮށް ގޫގުލް ފޯމު މެދުވެރިކޮށް ކަމަށެވެ.
މީގެ އިތުރުން، އިމްތިޙާނުގެ ފީތައް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ، ސަރުކާރުގެ ޕޭމަންޓް ޕޯޓަލް ކަމަށްވާ ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށް އެ ޑިޕާޓްމަންޓުން މަޢުލޫމާތު ދިނެއެވެ.
މި އިމްތިޙާނާ ގުޅޭ އިތުރު ތަފްޞީލާއި، އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ އިރުޝާދުތައް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްގެ ލިންކް ޓްރީ ޕޭޖުން ލިބެން ހުންނާނެއެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ހުރިހާ ކެންޑިޑޭޓުންވެސް ފޯމު ހުށަހަޅައި ފައިސާ ދައްކާ ނިންމުމަށް އެޑިޕާޓްމެންޓުން އިލްތިމާސް ކުރިއެވެ.




