ދިވެހި ދައުލަތަށް 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އަގުހުރި ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ޑރ. މުޙައްމަދު ޢަލީ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މަރްޙޫމް ޑރ. މުޙައްމަދު ޢަލީއަކީ އިޖްތިމާޢީ އެކި ކަންކަމުގައި، ވަކިން ޚާއްޞަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ޢިލްމީ ދިރާސާތައް ކުރެއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށާއި، އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މަރްޙޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ. މުޙައްމަދު ޢަލީ ލެހެއްޓެވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ދަންނަވާފައެވެ.
ޑރ. މުޙައްމަދު ޢަލީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް އަދާކުރައްވާފައެވެ.



