މޯލްޑިވިއަންގެ މުވައްޒަފުންގެ މެދުގައި ބާއްވަމުން އަންނަ 22 ވަނަ އިންހައުސް ފުޓްސަލް ޓޯނަމެންޓް ކާމިޔާބުކަމާއެކު ނިންމައިލައިފި އެވެ.
މިމަހުގެ 16 އިން އިއްޔެގެ ނިޔަލަށް ރެހެންދި ފުޓްސަލް ގްރައުންޑްގައި ކުރިޔަށް ގެންދިޔަ މި މުބާރާތް ކުރިޔަށް ދިޔައީ ދެ ޑިވިޝަންއަކަށް ބަހާލައިގެންނެވެ. އެއްވަނަ ޑިވިޝަންގައި 9 ޓީމަކުން ބައިވެރިވިއިރު ކުޅުން ކުރިޔަށްގެންދިޔައީ، ދެގްރޫޕަކަށް ބަހާލައިގެންނެވެ. އަދި ދެވަނަ ޑިވިޝަންވެސް 2 ގްރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންގޮސްފައިވާއިރު، ދެވަނަ ޑިވިޝަންގައި 11 ޓީމަކުން ވާދަކުރި އެވެ. ގްރޫޕް ސްޓޭޖްގެ ކުޅުންތަށް ނިންމާލާފައިވަނީ ވަރަށް ފޯރިއާއެކުގަ އެވެ.
ރޭވެގެން ދިޔައީ މި މުބާރާތުގެ އެންމެ ފޯރިގަދަ ރެއަށެވެ. ރޭ ކުޅުނީ އެއްވަނަ ޑިވިޝަން އާއި ދެވަނަ ޑިވިޝަންގެ ފައިނަލް މެޗުތަކެވެ. އެއްވަނަ ޑިވިޝަންގެ ފައިނަލް މެޗުގައި ވާދަކުރީ ސިކްސް ސްޓިގްމާ ޓީމާއި، އޭއޯޖީއެވެ. 3-1 އިން މެޗު ކާމިޔާބުކުރީ ޓީމް ސިގްމާއެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިކްސް ސްޓިގްމާގެ ޖާޒީ ނަންބަރު 7، އިބްރާހިމް ނަދާދްއެވެ. ފުރަތަމަ ޑިވިޝަންގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އެވެ.
ރޭ ކުޅުނު ދެވަނަ ޑިވިޝަންގެ ފައިނަލް މެޗުގައި ވާދަކުރީ، ޓީކާސް އެސް އާއި އޭއޯޖީ ޓެކް ޑިލެއި ޓީމެވެ. އެ މެޗު 3-1 އިން ކާމިޔާބުކުރީ އޭއޯޖީ ޓެކް ޑިލެއި ޓީމެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އޭއޯޖީ ޓެކް ޑިލެއި ޓީމުގެ ޖާޒީ ނަންބަރު 2، ހުސައިން އަލީއެވެ. ދެވަނަ ޑިވިޝަންގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފައިނޭންސް ހުސައިން ޝާމް އާދަމް އެވެ.



