މާލެ ސަރަހައްދުން މިދިޔަ ހަފްތާގައި އިތުރު 22 މީހަކު ހިމަބިއްސަށް ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 166 އަށް އަރާފައެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 9,918 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ. އެ އެޖެންސީން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައެވެ.
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކެއްގައި ވެކްސިންގެ ހިދުމަތް ލިބޭނެއެވެ. އެގޮތުން މާލޭގައި ވެކްސިން ޖަހައިދޭ ތަންތަނަކީ: އާބަސް ޕްރައިމަރީ ހެލްތް ކެއާ ސެންޓަރު (ޔޫޕީއެޗްސީސީ)، ހުޅުމާލޭ ހޮސްޕިޓަލް، ސެނެހިޔާ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް އެވެ.
ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި ފަރާތްތަކަށް ހާއްސަކޮށްގެން ވެސް ވެކްސިން ދިނުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޔޫޕީއެޗްސީސީން އާދިއްތަ އިން ބުރާސްފައްޗަށް މެންދުރުފަހު 14:00 އިން 15:30 އަށް، އަދި ހުޅުމާލޭ ހޮސްޕިޓަލުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 11:00 އަށް ވެކްސިން ޖެހޭނެއެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ހިމެނެއެވެ. މި ބަލި ޖެހިއްޖެނަމަ ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައެވެ. އެއަށްފަހު މޭމަތި، ބުރަކަށި، އަތުގައި އަދި ފައިގައި ބިހިތައް ނަގައެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރު ވެސް ރާއްޖެއިން މި ބަލީގެ ކޭސްތަކެއް ވަނީ ފެނިފައެވެ.



