ވަރަށް އަނިޔާވެރިކޮށް ގެއެއްގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލާގައި އަލީ ސާހިލްގެ މައްޗަށް އިއްވި ތިން އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ބަލައިނުގަނެ ދެވަނަ ފަހަރަށް ހައި ކޯޓުން ބޭރުކޮށްލައިފިއެވެ.
ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭގައި ޝިއާއު، 22، ވަރަށް ރަހުމުކުޑަކޮށް މަރާލާފައި އޮއްވާ ފެނުނީ 6 އޮގަސްޓް 2022ގަ އެވެ. ހަމަ އެ ރޭ، އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ދިރިއެޅުމުން ދިޔަ ސާހިލް، ފިނިފެންމާގެ / ފ. ނިލަންދޫ، ކުށުގެ ވެށިން ހައްޔަރުކުރިއެވެ.
މި މައްސަލައާ ގުޅިގެން ސާހިލްގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ އިތުރުން ސިއްރު ކޮށްފައިވާ ދެ ދައުވާއެކެވެ.
މީގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެ، މިދިޔަ އެޕްރީލް މަހު އޭނާގެ މައްޗަށް ވަނީ ތިން އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މި ހުކުމް އިސްތިއުނާފް ކުރަން ސާހިލްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މިއީ ދެވަނަ ފަހަރެވެ.
އެ އިސްތިއުނާފް ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާ މިފަހަރު ނިންމި ސަބަބެއް ކަމަށް ބުނީ އޭނާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާއި ތަފްސީލުތަކަށް ބަލާއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިސްތިއުނާފްކުރަން ފުދޭ ހާލަތްތަކެއް ބަޔާންކޮށްފައިނުވުމެވެ. އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ގާނޫނީ ބަހުސެއް ވެސް އެ މައްސަލާގައި ސާހިލުގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށް ރަޖިސްޓްރާގެ ނިންމުމުގަައިވެއެވެ.
މީގެ ކުރިން ސާހިލްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު ބަލައިނުގަތީ، ލިޔެކިއުންތައް ފުރިހަމަނުވެގެންނެވެ.
ސާހިލްގެ މައްޗަށް ބާކީ ހުރި ދައުވާތަކުގެ ޝަރީއަތް މިވަގުތު އޮތީ ހުލާސާ ބަޔާން އިއްވުމުގެ މަރުހަލާގަ އެވެ. މި އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
އެއްވެސް ދައުވާއަކަށް ސާހިލް އިއުތިރާފުވެފައެއްނުވެ އެވެ. މައްސަލަ ދިގުލައިގެން ގޮސްފައިވަނީ ފުރަތަމަކޮޅުގައި އޭނާގެ ވަކީލުންނާ ވެސް އެއްވެސް ވަރަކަށް ވާހަަކަ ނުދެއްކުމުންނެވެ.




