ނ .ވެލިދޫގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިމިއްޖެއެވެ.
މި ޕާކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު ވެލިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ. މި ވައުދާ އެއްގޮތަށް ޕާކުގެ މަސައްކަތް ނިންމުމަކީ، ރަށުގެ އިޖުތިމާއީ ދިރިއުޅުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެރަށުގެ ރައްޔިތުން ދެކެއެވެ.
މިމަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގެންދިޔަ އާރުޑީސީން ބުނީ، ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ ދަށުން ކުރިއަށްދިޔަ ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.
މި މަޝްރޫއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން އާރުޑީސީން ބުނީ، މި ޕާކުގެ ސަބަބުން ރަށުގެ ކުޑަކުދިންނާއި އާއިލާތަކަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި މަޝްރޫއަށް ޖުމްލަ 581،850.00 ރުފިޔާ ޚަރަދުވިކަމަށް އާރްޑީސީން މައުލޫމާތު ދިނެވެ.




