ސްރީލަންކާގެ ކަޓުނަޔަކަ އިންޓަނޭޝަނަލް އެއަޕޯޓުންނާއި ކޮލަމްބޯގެ ހޮޓަލަކުން ގާތްގަނޑަކަށް 10 މިލިއަން ސްރީލަންކާ ރުޕީސްގެ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ”އައިސް“ (މެތަމްފެޓަމީން) އާއެކު ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ލަންކާގެ ފުލުހުންގެ ނާކޮޓިކް ބިއުރޯ (ޕީއެންބީ) އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ލަންކާގެ ”ޑެއިލީ ނިއުސް“ ގައި ރިޕޯޓުކޮށްފައިވާ ގޮތުން އޭނާ ހައްޔަރުކުރީ މާލެއިން ފުރައިގެން ގޮސް ބުދަ ދުވަހުގެ މެންދުރު 12:15 ހާއިރު ކަޓުނަޔަކަ އެއާޕޯޓަށް ފޭބިތަނާއެވެ.
އޭނާގެ އަތުގައި މަސްތުވާތަކެތި ހުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު ޕީއެންބީގެ ޑެޕިއުޓީ ޑިރެކްޓަރަށް ލިބުމާ ގުޅިގެން ފުލުހުންވަނީ އެއާޕޯޓުގެ އެރައިވަލް ޓާމިނަލްގެ ބެގޭޖް ބެލްޓް ކައިރީގައި ފާރަލައި އޭނާ ހިފަހައްޓާފައި ކަމަށް އެ ނޫހުން ބުންޏެވެ.
ފުލުހުން އޭނާ ބަލައިފާސްކުރިއިރު، 602 ގްރާމްގެ އައިސް ފެނިފައިވެއެވެ. މިތަކެތި ފެނިފައިވަނީ ދެ ޕެކެޓަކަށް ލައި ސެލޯޓޭޕް އަޅައި ލައިގެން ހުރި ޖަންގިޔަލުގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅެނިކޮށެވެ.
ފުލުހުންގެ ތަހުގީގުގައި އޭނާއާ ސުވާލުކުރުމުން، މިތަކެތި ގެންދިޔައީ ލަންކާގައި އައިސް ވިއްކުމުގެ ވިޔަފާރިކުރާ މައި މީހާއާ ހަވާލުކުރަންކަން ވަނީ އެނގިފައި ކަމަށް ލަންކާ ފުލުހުން ވަނީ ބުނެފައެވެ.
މި މައުލޫމާތުގެ މައްޗަށް ބިނާކޮށް ފުލުހުން ހިންގި އޮޕަރޭޝަންގައި ބުދަ ދުވަހުގެ ރޭ ކޮލަމްބޯގެ ހޮޓަލަކުން އެ ނެޓްވޯކްގައި މަސްތުވާތަކެތި ޑިސްޓްރިބިއުޓްކުރާ މައި މީހާ ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ އަތުން 10 ގްރާމް އަދި 670 މިލިގްރާމްގެ އައިސް ފެނިފައިވާކަމަށް ޕީއެންބީގެ އޮފިސަރުންނާ ހަވާލާދީ ނޫހުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިން ބުރާސްފަތި ދުވަހު ނީގަމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައިވާއިރު، އިތުރަށް ސުވާލުކޮށް ތަހުގީގުކުރުމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ވަނީ ނިންމާފައެވެ.



