ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގެ ކޯއްޓޭއަށް ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތު މިއަދު ހެނދުނު 06:00 ގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަޑައިގަތުމުން މަރުޙަބާ ދެންނެވީ، އާޓްސް އެންޑް ކަލްޗަރ މިނިސްޓަރު ހީނާ ވަލީދާއި، ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ. އަދި މި ރަސްމިއްޔާތުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޡީފުގެ އިތުރުން މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ކޯއްޓޭއަށް ދިދަ ނެގީ އެމްއެންޑީއެފްގެ ދިދަ ބިސީންނެވެ. ރަސްމިއްޔާތުގައި މިނިވަން ދުވަހާ ގުޅޭ ޚާއްސަ ދުޢާއެއް ކުރުން އޮތްއިރު، ރަސްމިއްޔާތު ނިންމާލީ އެމްއެންޑީއެފްގެ ބޭންޑުން ޤައުމީ ސަލާމް ކުޅުމާއެކުގައެވެ.

މިނިވަން ދުވަހާ ގުޅިގެން އިތުރު ހަރަކާތްތަކެއްވެސް ވަނީ ރޭވިފައެވެ.
އެގޮތުން:
° ރަސްމީ ޖަލްސާ: މިއަދު ހެނދުނު 09:00 ގައި ޒުވާނުންގެ މަރުކަޒުގައި.
° މައިދާނީ ހަރަކާތް: މިރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި.
މީގެ އިތުރުން މާލޭ ބޮޑެތި މަގުތަކުގައި ސިފައިންގެ އަސްކަރީ ހަރަކާތް ހިމެނޭ ޕެރޭޑް، އަދި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯރގެ ޕެރޭޑާއި ރޫޓްމާރޗްވެސް މިރޭ 8:30 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން މުޅިން އަލަށް ”މިނިވަން ރަން“ ނަމުގައި ދުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ދުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 27 ޖުލައި 2026 ގައި ހުޅުމާލޭގައެވެ.




