ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން ސަރުކާރު ބަންދުކުރާ ދުވަސްތަކުގައި ޕާސްޕޯޓު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސްތަކުން އެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭން ނިންމައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ޖުލައި މަހުގެ 26 އަދި 27ވަނަ ދުވަހަކީ އާންމު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އިމިގްރޭޝަނުން ވަނީ އެ އިދާރާގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން، ތައްޔާރުކޮށްފައިވާ ޕާސްޕޯޓުތަކާ ހަވާލުވުމަށްޓަކައި މިއަދު ހެނދުނު 08:30އިން ފެށިގެން ހަވީރު 17:00އާ ހަމައަށް ނަންބަރު ދޫކުރަމުން ގެންދާނެއެވެ. އަދި މާދަމާ ނަންބަރު ދޫކުރަން ހަމަޖެހިފައި ވަނީ ހެނދުނު 08:30އިން ހަވީރު 16:00 އަށެވެ.
ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ކިއުބީ އެޕްލިކޭޝަންގެ ޒަރީއާއިން އޮންލައިންކޮށް ނަންބަރު ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، އޮފީހަށް ހާޒިރުވެގެން ވެސް ނަންބަރު ނެގުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން، އައު ޕާސްޕޯޓުތައް ހެއްދުމަށް އެދި ހުށަހެޅުމުގެ ދޮރު ”އިމުގާ“ ޕޯޓަލް މެދުވެރިކޮށް ދުވާލުގެ 24 ގަޑިއިރު ހުޅުވިފައި ހުންނާނެކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.




