ހުއްދަނެތި ރާއްޖެއަށް ބޭހެއް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާކޮށް ބޭހެއް އެތެރެކުރި ފަރާތުގެ ލައިސަންސް ހިފެހެއްޓޭ ގޮތަށް ބޭހާ ބެހޭ ޤަވާއިދު އެކުލަވާލައިފިއެވެ.
ބޭހާއި ބެހޭ ޤަވާއިދުގައި ވަނީ، ރާއްޖެއަށް ބޭސް އެތެރެކުރުމާއި ބޭސް ގުދަންކުރުމާއި ވިިއްކޭނެ މިންގަނޑުތައް ކަނޑައަޅާފައެވެ.
ބޭހާއި ބެހޭ ޤަވާއިދުގައި ސިއްހީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ބޭނުންކުރުމަށް ދިވެހިރާއްޖެއަށް އިމްޕޯޓުކޮށް ވިއްކުމަށް ހުއްދަދޭ ބޭހުގެ ރަޖިސްޓްރީއެއް ނުވަތަ ލިސްޓެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެއެވެ. މިގޮތުން އެކުލަވައިލާ ރަޖިސްޓްރީ، މަދުވެގެން އަހަރަކު އެއްފަހަރު މުރާޖަޢާ ކުރަންޖެހޭނެ ކަމަށް މި ޤަވާއިދުގައިވެއެވެ. ނަމަވެސް އެ ރަޖިސްޓްރީއަށް ބަދަލެއް އަތުވެއްޖެނަމަ އެ ބަދަލެއް ގެނައި ތާރީޚު އެނގޭގޮތަށް ރަޖިސްޓްރީ އަދާހަމަ ކުރަމުން ގެންދަންވާނެކަމަށް ޤަވާއިދުގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ރަޖިސްޓްރީގައި ނުހިމެނޭ ބޭހެއް އެތެރެ ކުރުމަކީ ނުވަތަ އެތެރެ ކުރުމަށް އުޅުމަކީ މަނާ ކަމެކެވެ.
މި ޤަވާއިދުގައިވާ ގޮތުން ހުއްދަ ބޭހުގެ ރަޖިސްޓްރީ އެކުލެވިގެން ވަނީ ޑޮކްޓަރީ ބޭހާއި ދިވެހިބަހާއި އޯލްޓަނޭޓިވް ބޭހެވެ. މި ޤަވާއިދުގައި ރަޖިސްޓްރީގައި ނުހިމެނޭ ބޭހެއް ނުވަތަ ބޭހުގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑުގެ މަސައްކަތަށް ބަދަލެއް ގެނެވޭ އުފެއްދުމެއް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ޤަވާއިދުގައި ވަނީ، ކޮންޓްރޯލްޑް ޑްރަގްސް އިމްޕޯޓުކޮށް ވިއްކާ، ޑިސްޓްރިބިއުޓްކޮށް އަދި ކޮންޓްރޯލްޑް ޑްރަގްސްއާ ގުޅޭ މި ނޫންވެސް އެންމެހައި މުޢާމަލާތު ކުރަންވާނީ އެމްއެފްޑީއޭއިން އެކަމަށް ދޫކުރާ ޚާއްޞަ ހުއްދައެއް ހޯދުމަށްފަހުގައި ކަމަށެވެ.
މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޭސް އުފައްދާ ފަރާތްތަކާއ،ި ބޭސް އެތެރެކުރާ ފަރާތްތަކާއ،ި ބޭސް ސަޕްލައިކުރާ ފަރާތްތަކާއ،ި ބޭސް ރައްކައުކޮށް ގުދަންކުރާ ފަރާތްތަކާއ،ި ބޭސް ހޯލްސޭލް ކުރާ ފަރާތްތަކާއ،ި ބޭސް ރިޓެއިލް ކުރާ ފަރާތްތަކާއ،ި ފާމަސީތައް ހިންގާ ފަރާތްތަކާއ،ި ބޭސް ވިއްކާ ފަރާތްތައް އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށް ހުއްދަ ހޯދަންޖެހެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ހުރިހާ ބޭހަކީ، މި ޤަވާއިދާ އެއްގޮތަށް އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށް ހުއްދަ ލިބިފައިވާ ބޭސްކަމުގައި ވާންޖެހެއެވެ.



