ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ހެވިކަމާއި ކުޅިވަރުތެ މައިދާނީ ހަރަކާތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފިއެވެ.
މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޢަމީރު، ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދުއެވެ. ޖުމްހޫރީ މައިދާނަށް އެމަނިކުފާނު ވަޑައިގަތުމުން މަރުހަބާ ވިދާޅުވެފައިވަނީ، ރައީސްގެ ދެކަނަބަލުންނެވެ.
މިހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ދައުލަތުގެ އިސްވެރިން ވަޑައިގެންނެވިއެވެ. އަދި މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ޚާރިޖީ ވަޒީރު ދެއްވި ދަޢުވަތަކަށް ވަޑައިގެންނެވި، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާންވެސް މި ހަރަކާތްތައް ބައްލަވައިލެއްވިއެވެ.
މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ފެށުނީ، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ރިޔާސީ ކުރުނީހުންނެވެ. އެއަށްފަހު، ސިފައިންގެ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމުގައްޔާއި، 15 ސްކޫލެއްގެ ދަރިވަރުންގެ މައްޗަށް އެކުލަވާލެވިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ. ޖުމްހޫރީ މައިދާނުން ފެށި އަސްކަރީ ހިންގާލުމާއި، ޕެރޭޑް މާލޭގެ ބޮޑެތި ބައެއް މަގުތަކުގައިވަނީ ކުރިއަށްގެންގޮސްފައެވެ.
މީގެއިތުރުން ސްކޫލް ދަރިވަރުންގެ ހަރަކާތުގައި، ޝަހީދު ޢަލީ ސްކޫލް، ރެހެންދި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އެއަށްފަހު، ޤައުމީ ދިފާއީ ބާރުގެ ހަރަކާތަކާއި، ހޭވައްލާ އަދި މަންނަ ބޮޑުބެރު ގުރޫޕުގެ ޘަޤާފީ ހަރަކާތެއް ވަނީ ހުށައަޅައިދީފައެވެ.
ހަރަކާތްތައް ނިންމާލީ ހަވާއެރުވުމާއެކުގައެވެ.



