މިސަރުކާރުން ދައުލަތުގެ މީޑިޔާ، ޕަބްލިކް ސާވިސް މީޑިޔާ އާ ހަވާލުވިއިރު ޕީއެސްއެމްގެ ދަރަނީގެ ގޮތުގައި 261 މިލިޔަން ރުފިޔާ ކަމަށާއި ކުންފުނީގެ މާލީ ހާލަތާއި ހިންގުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އުސޫލާ އެއްގޮތަށް އަމަލުކުރެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށާއި ހިޔާނާތެއް ނުވެ ކުރަންޖެހޭ ކޮންމެކަމެއްވެސް ގާނޫނާއި އުސޫލުތަކުގެ ތެރެއިން ކުރައްވާނޭ ކަމުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވެއްޖެެއެވެ.
ޕީއެސްއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ ކުންފުނީގެ ކަންކަން ރަނގަޅު ކުރުމަށްޓަކަައި މަގާމާ ހަވާލުވެވަޑައިގެންނެވި ވަގުތުން ފެށިގެން މަސައްކަތް ކުރައްވަމުންދާ ކަމަށާއި ގާނޫނާއި ގަވާއިދާއި އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އެއްވެސް ވަރަކަށް ފަސްޖެހިވަޑައިނުގަންނަވާނެކަމުގައެވެ.
އަޅުގަނޑެއް ފަހެއް ނުޖެހޭނެ އުސޫލާ އެއްގޮތަށް އަމަލު ކުރާކަށް، އެއޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަން ޖެހޭ މީހަކަށް އަޅުގަނޑުމެން ފިޔަވަޅު އަޅާނަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނެއް ހިޔާނަތެއް ނުވާނަން، އަދި ކުރަން ޖެހޭ ކޮންމެ ކަމެއްވެސް ގާނޫނާއި ގަވާއިދާ އުސޫލުގެ ތެރެއިން ކުރަމުންދާނަން،“ ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު
2020 ވަނަ އަހަރުން ފެށިގެން ކުންފުނީގެ ބަޖެޓުން ޑޮލަރު ގަތުމަށްޓަކައި އަމިއްލަ ފަރާތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް ޝައްކު އުފެދޭފަދަ ގޮތަކަށް ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަވުމާއެކު އަޅާންޖެހެ ފިޔަވަޅުތައް ވާނީ އަޅާފައި ކަމަށާއި އޭރުގެ ފައިނޭންސް ހެޑް މިދިޔަ އޭޕްރީލް 29ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފައިކަމަށާއި އަދި ސަސްޕެންޑު ކުރުމަށްފަހު އިންޓަރނަލް އޮޑިޓް ކޮމްޕެނީއިން މައްސަލަ ބަލައި އެސްއެޗްއާރް ކޮމްޕެނީއިން މައްސަލަ ބެލުމަށްފަހު ގަވާއިދާއި ގާނޫނާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފު ވަނީ ޕީއެސްއެމްގެ ވަޒީފާއިން ވަކިކޮށްފައިކަމަށެވެ.
ކުންފުނީގެ ލޯނުގެ ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައި ނުދެއްކި ހުރި 87 މިލިއަން ރުފިޔާގެ ލޯނަށްވެސް އިންޓަރެސްޓް އަރަމުންދާ ކަމަށާއި ސަރުކާރާ މަޝްވަރާކޮށްގެން، ސަރުކާރުގެ އެހީތެރިކަމާއި އެކީގައި ދަރަންޏަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޒީނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ކުންފުނިން ހޯދަމުންދާ ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ކަންކަން މިހާރު ދުވަހުން ދުވަހަަށް ކުރެވެމުންދާކަމަށްވެސް ޒީނާ ވަނީ ފާހަގަކުރަައްްވާފައެވެ.
ކުންފުނިތަކުގެ ބަލަދުވެރި ފަރާތަކީ ޕީސީބީކަމަށާއި ޕީސީބީން ބޭއްވި ތަފާތު ބައްދަލުވުންތަކުގައި ވެސް ޕީއެސްއެެމްގެ ފައިނޭންސް މެނޭޖްކުރުުމުގައި ވޭތުވެދިޔަ އަހަރުތަކުގަ މައްސަލަތަކެއް ހުރިކަން ތަކުރާރުކޮށް ފާހަގަކޮށްފައިވާ ކަމަށެވެ. ވޭތުވެދިޔަ މެނޭޖްމަންޓަށްވެސް އެމައްސަލަތައް ހުރިކަން ފާހަގަވެގެން ހިއްސާކޮށްފައިވާ ކަމަށާއި އެހުރިހާ ކަންތައްތަކަށް ބެލުމަށްފަހު މާލީހާލަތުވެސް މާލީ ހިންގުންވެސް ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސަައްކަތް ކުރައްވަމުންދާ ކަމަށެވެ..



