ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން 60 އިންސައްތައަކީ ބިދޭސީ ޑޮކްޓަރުން ކަމަށް، ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މައްޗަންގޯޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ޟަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ސިއްހީ ޚިދުމަތް ރާއްޖޭގައި ދެމުން އަންނަނީ ގިނަ އަދަދެއްގެ ބިދޭސީ ޚިދުމަތްތެރިންނާއެކު ކަމަށެވެ.
”އަޅުގަނޑު ދަންނަވާނީ 60 ޕަސެންޓު ޑޮކްޓަރުންނަކީ މިހާރު ވެސް ބިދޭސީ ޑޮކްޓަރުންނޭ އަޅުގަނޑުމެންގެ މި ޚިދުމަތުގައި މަސައްކަތްކުރާ“ ގީލާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު 12،000 އަށްވުރެ ގިނަ ޚިދުމަތްތެރިން ސިއްހީ ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ކަމަށް ޤީލާ ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި 7،000 އަށްވުރެ ގިނަ ޚިދުމަތްތެރިންނާއި މާލޭ ސަރަހައްދުގައި 5،000 އަށްވުރެ ގިނަ ޚިދުމަތްތެރިން އެބަތިބި ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ސިއްހީ ޚިދުމަތުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 3،400 އަށްވުރެ ބޮޑެވެ.



