ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ސިއްހީ މަރުކަޒުތައް ބިނާކުރުމަށް ބަޔަކާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށާއި، އޭގެ ތެރެއިން 16 މަޝްރޫއެއް ހުއްޓާލަން ޖެހުނު ކަމުގައި ހެލްތު މިނިސްޓަރު ގީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ، މަޝްރޫތައް ކުރިއަށް ނުދިޔުމުގެ ސަބަބުން 60 މިލިއަން ރުފިޔާ އިސްރާފުވި ކަމަށެވެ.
ކެލާ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުالله ޝަރީފް ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ، ކުރީ ސަރުކާރުން ކެލާގެ ސިއްހީ މަރުކަޒުގެ އައު އިމާރާތެއް ބިނާކުރުމަށް ބަޔަކާ ހަވާލުކޮށްގެން އެޑްވާންސް ފައިސާ އެ ބަޔަކަށް ދޫކުރި ކަމަށެވެ.
ނަމަވެސް އެ ސިއްހީ މަރުކަޒުގެ އަމަލީ އެއްވެސް މަސައްކަތެއް ނުހިނގައި ގިނަ ދުވަސްވުމުގެ ސަބަބުން، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ މަރުހަލާތައް ފުރިހަމަކުރުމަށް ފަހު ކޮންޓްރެކްޓަރާ އެކު ހަދައިފައިވާ އެއްބަސްވުން ބާތިލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ގީލާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި އެތަނުގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކޮށް، މިހާރު ވަނީ މަސައްކަތް ފަށައިފައެވެ.
އިއްޒަތްތެރި މެންބަރު ތި ފާހަގަކުރެއްވި ގޮތަށް ސިއްހީ ޚިދުމަތުގައި ގިނަ އަދަދެއްގެ ޕްރޮޖެކްޓުތަކެއް ވަނީ މިގޮތަށް ބާތިލުކުރަން ޖެހިފައި، 60 މިލިއަނަށް ވުރެ ގިނަ ފައިސާ އިސްރާފުވެފައިވަނީ މިގޮތަށް އެތައް ބަޔަކާ ހަވާލުކުރެވިފައި“ އޭނާ ވިދާޅުވިއެވެ.
އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ނަޞީރުގެ ސުވާލަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ، ކުރީ ސަރުކާރުން ގިނަ މަޝްރޫއުތައް ފަށައި އެޑްވާންސަށް ފައިސާ ދިނުމަށް ފަހު ވެސް ބައެއް ކޮންޓްރެކްޓަރުން އަމަލީ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.




