ވެރިކަމަށް ގެނައުމަށް އިދިކޮޅު އެމްޑީޕީގެ މައްޗަށް އަދިވެސް އަދި އަބަދު ވެސް އިހުތިޔާރު ކުރައްވާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކަމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އިން ރޭގައި ބޭއްވި ޖަލްސާގައި އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރާ އަޅާ ބަލާއިރު، އެމްޑީޕީގެ ވެރިކަމުގައި ކުރެއްވި ކަންކަން މާބޮޑަށް ވެސް ގޯސްކަމަށެވެ.
އެގޮތުން ދެ ފަހަރު މަތިން ވެރިކަން ކުރަން އެމްޑީޕީއަށް ފުރުސަރު ލިބުނުއިރުވެސް، ”އެހާ އަނިޔާވެރި އެހާ ރައްޔިތުނަށް ދުއްޕާންކުރި ބަޔަކު“ ރާއްޖޭގެ ވެރިކަމަށް އަދި މިހާތަނަށް ނާންނަކަމަށް ޔާމީން ވިދާޅުވިއެވެ.
”އަދިވެސް އެނީ ޓައިމް އޮފް ދަ ޑޭ، އެނީ ޓައިމް އޮފް ދަ އިޔަރ އަޅުގަނޑު ޗޫސްކުރާނީ މުޢިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް. އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫސްކުރާނީ މުޢިއްޒު“ ކުރީގެ ރައީސްބޔާމީން ވިދާޅުވިއެވެ.
އޭގެ ސަބަބެއްގެ ގޮތުގައި ޔާމީން ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ފާޅުގައި ޑިމޮކްރަސީގެ ހަމަތަކަށް އަރައިގަނެފައިވާތީ ކަމަށާއި އެމްޑީޕީއަށް ޑިމޮކްރެޓިކް ޕާޓީ ކިޔަސް އެ ޕާޓީއަކީ ޑިމޮކްރަސީ ދަންނަ ބައެއް ނޫން ކަމުގައި ވިދާޅުވަމުންނެވެ.
މީގެއިތުރުން އެމްޑީޕީން މިހާރު ގެންނަން އުޅޭ ބޮޑު ބަދަލަކީ ވެސް ބޮޑު ތަކުލީފެއް ކަމުގައި ވިދާޅުވެ، ޔާމީން ވިދާޅުވީ ކުރިއަށް ދިއުމުގައި މަސައްކަތްކުރަންވީ ތަޖުރިބާކޮށް، ފެއިލްވެފައިވާ ނިޒާމުތަކުން އަރައިގަންނަން ކަމަށާއި ”އަނބުރާ ފަހަތަކަށް ނުދެވޭނެ“ ކަމަށެވެ.
”އެޖެންޑާ 19 ވިއްކައިގެން ފަސް އަހަރުގެ ވެރިކަމެއް ކުރިއިރު ވެސް އޭގައި ހުރި މީރުކަމެއް އޭގެން ރާހަތެއް ކުރި ދިވެއްސަކު ނެތް. އެމްޑީޕީން ދައްކާ ވާހަކަ އާއި އަމަލަކާ ދިމައެއްނުވާނެ. އެމްޑީޕީން ގަބޫލުކުރާ އެއްވެސް އުސޫލެއް ނެތް؛ އެއީ ބިރުފަހަނައަޅައި ދިއުމުގެ ނަމުގައި އެމީހަކު ބޭނުން ގޮތަކަށް އުޅެވެންވާނެ ކަމަށް ގަބޫލުކުރާ ބައެއް“ އިދިކޮޅު އެމްޑީޕީއަށް ވަރަށް ފާޑުކިޔަމުން ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ ވެރިކަމުގެ ދެ ދައުރު ފެނުނުއިރު އެބުނާ މޮޅު ކަންތައްތަކެއް ރަހަބަލާލާކަށް، ވަސް ބަލާކަށް ވެސް ނުލިބުނު ކަމަށާއި އެހެންކަމުން އެ ހަނދާންތައް ރައްޔިތުންގެ ހުންނާނެ ކަމުގައި ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީއަކީ ގައުމުގެ ކަންކަމާ އުޅޭ ބައެއް ވެސް ނޫން؛ އެމީހުން ގައުމުގެ ކަރާމަތް ދަމަހައްޓަން ކުރި އެއްވެސް ކަމެއް ނޯންނާނެ
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ މިހާރު ކިޔަވައިގެން ތިބި ”ތަންދޮރު ދަންނަ ބައެއް“ ކަމަށާއި މައިންބަަފައިން ދަރިންނަށް ތައުލީމުދޭތާ 50 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.



