ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސްކޭމް މައްސަލަތަކުގެ އަދަދު 3،000 އަށް އަރާފައިވާ ކަމަށާއި، މީގެ ތެރޭގައި އެންމެ ގިނައީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ ”އީ-ކޮމާސް“ ސްކޭމްތައް ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލަތަކަކީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރު ހުޅުވި ފަހުން މިހާތަނަށް ރިކޯޑް ކުރެވިފައިވާ މައްސަލަތަކެވެ.
ފުލުހުން ބުނިގޮތުގައި، މި 3،000 މައްސަލައިގައި އާންމުންގެ އަތުން ޖުމްލަ 35,144,703.32 ރުފިޔާ ވަނީ ގެއްލިފައެވެ. މިއީ ހަމައެކަނި ތަފާސްހިސާބުގެ ނަންބަރުތަކެއް ނޫން ކަމަށާއި، މިއީ މުޖުތަމައުގެ 3،000 އާއިލާއަކާއި، ކުދި ވިޔަފާރިވެރިން ރެޔާއި ދުވާލު ކުރި ބުރަ މަސައްކަތުން އެއްކުރި ފައިސާ މަކަރާއި ހީލަތުން އަތުލާފައިވާ ހިތާމަވެރި ހާދިސާތަކެއް ކަމަށް ފުލުހުން ބުންޏެވެ.
ގެއްލުނު ފައިސާގެ ތެރެއިން ފުލުހުންނަށް މިހާތަނަށް އަނބުރާ ހޯދިފައިވަނީ 13 މިލިއަނަށްވުރެ ގިނަ ރުފިޔާ (13,296,072.51 ރ) އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވަނީ 1,196 މައްސަލައެއްގައެވެ. އަދި 279 މައްސަލައެއްގައި ފައިސާގެ ބައެއް ހޯދިފައިވެއެވެ.
ފުލުހުން ބުނީ، ފައިސާ ގެއްލުމަށްފަހު އެ އަނބުރާ ހޯދުމަކީ ބުރަ މަސައްކަތެއް ކަމަށާއި، ބައެއް ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ގެއްލި ދިއުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުން ކޮށްފައިވަނީ އީ-ކޮމާސް ސްކޭމްތަކެވެ. މިފަދަ 1,478 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 މައްސަލައަކާއި، އެކި ފަރާތްތަކުގެ ނަމުގައި އޮޅުވާލައިގެން ހިންގި 439 މައްސަލަ ހިމެނެއެވެ. އެންމެ ގިނަ ސްކޭމްތައް ހިންގާފައިވަނީ ފޭސްބުކް މާކެޓްޕްލޭސް (1,093 މައްސަލަ) އަދި ވައިބަރ (911 މައްސަލަ) މެދުވެރިކޮށެވެ.
ފުލުހުން ވަނީ އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ ނުވަތަ ލިބޭ ކޮންމެ މެސެޖަކީ ތެދު މައުލޫމާތު ކަމަށް ނުދެކުމަށް އިލްތިމާސްކޮށްފައެވެ. ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން ނުވަތަ އަމިއްލަ މައުލޫމާތެއް ހިއްސާކުރުމުގެ ކުރިން ވިސްނާލުމަށާއި، މުއާމަލާތް ކުރެވެނީ ކާކާތޯ ޔަގީން ކުރުމަށް ފުލުހުން އެދެއެވެ.
ފުލުހުން ވަނީ އޯޓީޕީ، ޕާސްވޯޑް، ނުވަތަ ބޭންކިންގ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށާއި، ޝައްކު އުފެދޭ ކަމެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް ހިއްސާކުރުމަށް އާންމުންނަށް ނަސޭހަތްތެރިވެފައެވެ.


