އަސާސީ ކާބޯތަކެތީގެ އަގުތައް އެއްތަނަކުން ބަލާލެވޭ ”އަގުމަގު“ ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް އިކޮނޮމިކް މިނިސްޓްރީއިން މިއަދު ހުޅުވާލައިފިއެވެ.
މި ޕޯޓަލްގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް އަސާސީ ކާބޯތަކެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމާއި، ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ފަސޭހަކަމާއެކު ބެލޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ލޯންޗުކުރި މި ޕޯޓަލްގައި މިހާތަނަށް ފެންނަން ހުރީ ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތަކެވެ. ނަމަވެސް،އިކޮނޮމިކް މިނިސްޓްރީއިން މިހާރު ވަނީ ”އަގުމަގު” އެޕްލިކޭޝަން ތަޢާރަފްކޮށް، އަތޮޅުތެރޭގެ ރަށްރަށުގައިވެސް ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެ ގޮތް ހަދާފައެވެ.
އެ މިނިސްޓްރީއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މައުލޫމާތުގައިވާ ގޮތުން، މި ޕޯޓަލްގައި ރަޖިސްޓްރީވުމުން ރާއްޖޭގެ ހުރިހާ ރަށަކުން ވިޔަފާރިކުރާ އެތައް ހާސް ކަސްޓަމަރުންނަކަށް، ފިހާރައިގައި ހުރި މުދަލުގެ އަގުތަކާއި ސްޓޮކާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. ވިޔަފާރިތަކަށް ޕޯޓަލްގައި ރަޖިސްޓްރީ ވެވޭނީ ކިޔުއާރު ކޯޑު ސްކޭންކޮށްލައިގެން ނުވަތަ http://agumagu.trade.gov.mv ލިންކު މެދުވެރިކޮށެވެ.
މި ޕޯޓަލްގައި ހިމަނާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނަން ހުންނާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ އިތުރުން، ކަސްޓަމަރުންނަށް ބާޒާރުގައި ތަކެތި ލިބެން ހުރި އެންމެ ފަހުގެ އަގުތަކާއި، އެކި ފިހާރަތަކުގެ އެންމެ ހެޔޮ އަގު، އެވްރެޖް އަގު އަދި އެންމެ ބޮޑު އަގުވެސް ބަލާލެވޭނެއެވެ.
އަދި ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައިސްފައިވާ ބަދަލުތައްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް މޮނިޓަރ ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވެއެވެ.



