ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރު ދެނެގަތުމަށް ދިރާސާއެއް ހެދުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީ އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އިއްޔެ ސޮއި ކޮށްފިއެވެ.
މިކަމަށްޓަކައި ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި އައިޔޫއެމްއާއި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ.
އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ”ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރު“ގެ މައްޗަށް ދިރާސާއެއް ހެދުމުގެ އެއްބަސްވުމެކެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހައްވާ ލަތީފް އެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމް އެވެ.
ދެވަނަ އަށް ސޮއިކުރީ، އައިޔޫއެމްއިން ކުރިއަށް ގެންދާ ”އިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ“ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އިސްލާމީ ވަގުފު ފަންޑު ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމުގަ އެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުކާއު އަބްދުލް ހަކީމް އެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. ވިސާލް މޫސާ އެވެ.



