މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި ޖުމްލަ 144.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކަކީ ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ބަލަމުން އައިސްފައިވާ މައްސަލަތަކެއް ކަމަށެވެ.
އެގޮތުން މަސްތުވާތަކެތީގެ ވަބާއަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި 2024 އިން 2028 އަށް އެކުލަވައިލާފައިވާ ފުލުހުންގެ އެކްޝަން ޕްލޭންގައިވެސް މިކަމަށް މުހިންމު އިސްކަމެއް ދީފައިވާނެ ކަމަށް މުސްލިމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ގްރޭޓަރ މާލެ ސަރަހައްދާއި ދެކުނާއި އުތުރުގެ ޕޮލިސް ރީޖަންތައް ހިމެނޭހެން ޖުމްލަ 1،141 އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މިއީ އެވްރެޖްކޮށް ދުވާލަކު 5 އޮޕަރޭޝަނެވެ.
މި މުއްދަތުގައި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 1،875 މީހުން ހައްޔަރުކޮށްފައިވާއިރު، މިއީ ދުވާލަކު 8 މީހުންގެ ނިސްބަތެކެވެ. މީގެ އިތުރުން ޝައްކުކުރެވިގެން 23،249 ފަހަރު މީހުން ބަލައި ފާސްކޮށްފައިވެއެވެ. މިއީ ދުވާލަކު އެވްރެޖްކޮށް 110 މީހުންނެވެ.
މީގެއިތުރުން ތަންތަން ބަލައި ފާސްކުރުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު 7،309 ފަހަރު އެކި ތަންތަން ފާސްކޮށްފައިވެއެވެ. އެއީ ދުވާލަކު ގާތްގަނޑަކަށް 34 ތަނެވެ. ފާއިތުވި 7 މަސްދުވަހު އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މާލެ ސަރަހައްދުންނެވެ.




