ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވެ އަޑިއަށް ހިނގައްޖެއެވެ.
ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ އެ ލޯންޗު ދިޔަވެފައިވަނީ ކާފު އަތޮޅު ގިރިފުށި ކައިރިންނެވެ.
މި ހާދިސާއާ ގުޅިގެން އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ލޯންޗު ވަރަށް ބޮޑަށް ދިޔަވަމުން ދިޔައިރު، ކައިރީގައި އޮތް އެހެން ދޯންޏެއްގެ ކައިރިއަށް ގާތްކުރެއެވެ. އަދި އޭގައި ތިބި މީހުން އެ ދޯންޏަށް އަރުވައި ސަލާމަތްކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ. މި ހާދިސާ ހިނގިއިރު ލޯންޗުގައި އަންހެނުންނާއި ކުޑަކުދިންވެސް ތިއްބެވެ.
ލޯންޗުގައި ތިބި އެންމެން އަނެއް ދޯންޏަށް އެރުވިތާ މާގިނައިރުތަކެއް ނުވެ، ލޯންޗު އެއްކޮށް އަޑިއަށްދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. މި ހާދިސާއާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
މި ހާދިސާ ހިނގިއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައެވެ. ހއ. އަތޮޅުން ފެށިގެން ލ.. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.




