ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ މަރުކާގެ 2 ބޯޓު ގަތުމަށް ކެނެޑާގެ ޑި ހެވިލަންޑް ކުންފުންޏާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ. އަދި ޑި ހެވިލަންޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޭޝިއާ ޕެސިފިކް އަދި މިޑުލްއީސްޓް ސަރަހައްދުގެ ވައިސް ޕްރެޒިޑެންޓް ސޭލްސް ޔޮގޭޝް ގާރގްއެވެ.
ދުނިޔޭގައި އެންމެ ގިނައިން ޓްވިން އޮޓަރ ބޯޓުތައް އޮޕަރޭޓްކުރާ ދިވެހި މާކެޓަށް މި މަރުކާގެ ބޯޓުތައް ގެނައުމަށް އެއްބަސްވި މިއީ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މައިބަދަ ކަމުގައިވާ ސީޕްލޭން ދަތުރުފަތުރުގެ ނިޒާމުގައި މި ބޯޓުތަކަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފެށިގެން އެކި ރިސޯޓުތަކަށާއި ރަށްރަށަށް ފަތުރުވެރިން އުފުލުމުގައި އަބަދުވެސް މުހިންމު ދައުރެއް އަދާކުރާ އުޅަނދުތަކެކެވެ.
ޑި ހެވިލަންޑް ކުންފުނިން ފާހަގަކުރިގޮތުގައި މި އުޅަނދުތައް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ޕައިލެޓުންނާއި އިންޖީނިއަރުންގެ ޚިޔާލަށް ބެލުމަށްފަހު ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތަށެވެ. ”ކްލަސިކް 300-ޖީ“ މަރުކާގެ މި ބޯޓުތަކާއެކު މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެ، އައު މަންޒިލްތަކަށް ދަތުރުކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.
ޒަމާނީ އޭވިއޯނިކްސް ސިސްޓަމްތަކާއި، ބަރުދަން ލުއިވުމުގެ ސަބަބުން ގިނަ ފަސިންޖަރުންނާއި މުދާ އުފުލުމުގެ ފުރުޞަތު ލިބި، މަރާމާތުކޮށް ބެލެހެއްޓުމުގައި ފަސޭހަވެގެންދާނެތީ މިއީ އޮޕަރޭޝަންތަކުގެ ޚަރަދު ކުޑ ވެގެންދާނެ މުހިންމު އިންވެސްޓްމަންޓެކެވެ.




