ކުޑަކުދިންގެ މެދުގައި ބަލާޣާތްތެރިކަމާއި ފަޞާޙަތްތެރިކަން އަށަގެންނެވުމަކީ އެކުދިންގެ ޝަޚުޞިއްޔަތު ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށާއި އެކަމަށްޓަކައި އެކުދިންގެ ބަސްމޮށުންތެރިކަމުގެ ހުނަރު އަށަގެންނެވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވާހަކަދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތް ފެށުމަށް ރޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދީނީ ގޮތުން ބަލާއިރު ވެސް ބަސްމޮށުންތެރިކަމަކީ ނުހަނު މަތިވެރި ދަރަޖައެއް ދެވިފައިވާ ސިފައެއްކަމަށެވެ.
މާތް ﷲ ކޮންމެ ނަބީބޭކަލަކު ވެސް ފޮނުއްވާފައި ވަނީ އެ ބޭކަލެއްގެ ޤައުމެއްގެ މީހުންނަށް ފަސޭހައިން ފަހުމްވާނެ ފަދަ ބަހުރުވައަކުން މުޢާމަލާތްކުރެއްވުމުގެ ކުޅަދާނަކަން ދެއްވައިގެންކަން ފާހަގަކުރައްވަމުން މިސާލެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ، ފިރުޢައުނުގެ ގާތަށް ވަޑައިގަތުމަށް މޫސާގެފާނަށް އެންގެވި ހިނދު، އެކަލޭގެފާނަށް ވުރެ ދޫފަރިތަ އަދި ވާހަކަދެއްކުމަށް ކުޅަދާނަ ބޭކަލެއްގެ ގޮތުގައި އަޚު ހާރޫނުގެފާނު ވެވަޑައިގަންނަވާތީ، އެ މަސައްކަތުގައި ހާރޫނުގެފާނުގެ އެހީތެރިކަމަށް މޫސާގެފާނު އެދިވަޑައިގަތްކަން ކީރިތި ޤުރުއާނުން އެނގެން އޮންނަ ކަމަށެވެ. މިއީ މޮޅަށް ވާހަކަދެއްކުމުގެ ސަބަބުން ގިނަގުނަ ފުރުސަތުތަކެއް ފަހިވެގެންދާނެކަން އަންގައިދޭ އަލިގަދަ ދަލީލެއްކަން ޝަހީމް ފާހަގަކުރެއްވިއެވެ.
”ކީރިތި ޤުރުއާނުގައި އެންމެ ފުރަތަމަ ބާވައިލެއްވި ފަސް އާޔަތުގައި ވެސް ކިޔެވުމަށް އަމުރުކުރައްވާފައިވުމަކީ ލިޔުންތެރިކަމާއި ކިޔުންތެރިކަމުގެ މުހިންމުކަން އަންގައިދޭ ވަރުގަދަ ހެއްކެއް“ މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މޮޅު ވާހަކަދެއްކުންތެރިއަކަށް ވުމަށްޓަކައި ދަރިވަރުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ހަތަރު ކަމެއް މިނިސްޓަރު ވަނީ ޙިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި، ގިނަގިނައިން ފޮތްތައް މުޠާލިޢާކުރުމާއި، މޮޅު ތަޤުރީރުތައް އަޑުއެހުމުގެ އިތުރުން، އެތަކެތި ދަސްކޮށް ފަރިތަކުރުން ހިމެނެއެވެ. ބައެއް މީހުންނަށް އުފެދުމުގައި ވެސް މި ހުނަރު ލިބިފައިވީ ނަމަވެސް، ގަދައަޅައި މަސައްކަތްކޮށްފިނަމަ ކޮންމެ މީހަކަށް ވެސް ކާމިޔާބު ވާހަކަދެއްކުންތެރިއަކަށް ވެވިދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.



