ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމަށް ހަރަކާތްތެރިވާ ރޭންޖަރުންގެ އަދަދު މި އަހަރު ނިމުމުގެ ކުރިން ދެގުނަ ކުރައްވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ގިނަ ސަރަޙައްދުތަކެއް ހުރި ނަމަވެސް، އެ ތަންތަން ބެލެހެއްޓުމުގައި މިހާރު ހަރަކާތްތެރިވަނީ މަދު އަދަދެއްގެ ރޭންޖަރުންނެވެ. ރޭންޖަރުންގެ އަދަދު އިތުރުކޮށް، އެ ސަރަޙައްދުތައް އެންމެ އެދެވޭ ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ”އަހަށޭ ބުނާނަން“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ހަރަކާތްތެރިވަނީ ޖުމްލަ 11 ރޭންޖަރުން ކަމަށެވެ. މީގެ ތެރޭގައި ބ. އަތޮޅު، ސަންޕާ ސަރަޙައްދު، ފަރުކޮޅު، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ހިމެނެއެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، ރޭންޖަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ކަމަށާއި، މިހާރުވެސް އައު ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ރޭންޖަރުން ތަމްރީނު ކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިއަހަރު ނިމުމުގެ ކުރިން ރޭންޖަރުންގެ އަދަދު ދެގުނަ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، މި މަސައްކަތުގައި ކައުންސިލްތަކުގެ އެއްބާރުލުން ހޯދަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ކޮންމެ ކައުންސިލެއްގައި ރޭންޖަރަކު ބެހެއްޓޭނެ ގޮތަށް ބަޖެޓު ހަމަޖައްސައި، ތަމްރީނު ދިނުމުގެ އިންތިޒާމުތައް ރޭވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
”މިސާލަކަށް ލ. ހިތަދޫގައި މާބައިދޫގައިވެސް ބައެއް ރޭންޖަރުން މިހާރުވެސް ކުރިއަށްދޭ މިހާރު ތަމްރީނު ޕްރޮގްރާމްތަކެއް. ޖުމްލަ 11 ރޭންޖަރުން ހަރަކާތްތެރިވަމުންދޭ، ޓްރެއިނިން ބެޗެއްވެސް އެބަދޭ ކުރިއަށް.“ އަލީ ޝަރީފް ވިދާޅުވިއެވެ.




