މިއަހަރުގެ ޖޫން މަހާއި އަޅާބަލާއިރު ނިމުނު ޖުލައި މަހު، ރާއްޖެއިން ޑެންގޫ ޖެހުނު މީހުންގެ އަދަދު ދަށްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު ޖުލައި މަހު ޑެންގޫ ޖެހިފައިވަނީ 443 މީހުންނަށެވެ. އެއީ ޖޫން މަހު އެ ބަލި ޖެހިފައިވާ 673 މީހުންނާ އަޅާބަލާއިރު 34 އިންސައްތައިގެ ދަށްވުމެކެވެ.
ޑެންގޫ ޖެހުނު މީހުންގެ އަދަދު ދަށްވި ނަމަވެސް އެޗްޕީއޭއިން ވަނީ ޑެންގޫހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްކަން ހަނދާން ކޮށްދީފައެވެ.
ޑެންގޫގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން ނިމުނު މަހު ރިޕޯޓުކުރި މިންވަރުވެސް ވަނީ ދަށްވެފައެވެ. އެގޮތުން ނިމުނު ޖުލައި މަހު އަރިދަފުސް ރޯގާ ޖެހިގެން 29،663 މީހުން ރިޕޯޓުކޮށްފައިވާއިރު އެއީ މިއަހަރުގެ ޖޫން މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ 34،877 މީހުންނާ އަޅާބަލާއިރު 14 އިންސައްތައިގެ ދަށްވުމެއްކަން ފާހަގަކޮށްލެވެއެވެ.
އަދި އިންފުލުއެންޒާއަށް ބަލާއިރު ނިމުނު ޖުލައި މަހު އިންފުލުއެންޒާއަށް 212 މީހަކު ޓެސްޓުކުރެވިފައިވާއިރު ޕޮޒިޓިވް ވެފައިވަނީ އެންމެ 33 މީހުންނެވެ. އެއާ ޚިލާފަށް ޖޫން މަހު 451 މީހަކު ޓެސްޓުކުރެވުނުއިރު، 142 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
އެޗްޕީއޭއިން ވަނީ އަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް 2،945 މީހަކު ޓެސްޓުކުރެވުނުއިރު އޭގެތެރެއިން 1،043 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައެވެ.




