ކޮންމެ ދިވެހި ޒުވާނަކަށްވެސް އެ މީހެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ފަހި މާހައުލެއް އުފައްދައިގެން، ޒުވާނުން ބާރުވެރިކުރުވުމުގެ ޢަޒުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނޭކަން ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ހެޔޮ އެދުންތައް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ފޮނުއްވައިފިއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްސަ މެސެޖުގައި އެމަނިކުފާނު ވަނީ، ތަފާތު ޙާލަތްތަކުން އަންނަ މީހުން ހިއްސާކުރާ އުންމީދުތަކުގެ މައްޗަށް ބިނާކޮށްފައިވާ ދުވަހުގެ ޝިޢާރަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، ތަފާތު ރަށްރަށާއި، ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ފެންވަރު ރަނގަޅު ތަޢުލީމާއި، މާނަހުރި ފުރުޞަތުތަކާއި، ޢަބުރުވެރި ދިރިއުޅުމާއި، ތިމާ އާއި ތިމާގެ އާއިލާއަށް އަދަށް ވުރެ ފަހި މާދަމާއެއް ލިބުން ފަދަ، ހުރިހާ ޒުވާނުން ހިއްސާކުރާ އުންމީދުތަކެއް ހުންނާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތަ އަކީ ޒުވާނުންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ހަނދުމަފުޅުކޮށްދެއްވާފައެވެ.
އެގޮތުން، ދީނީ، ތަޢުލީމީ، ސައިންސް އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ހޯދަމުންދާ ކާމިޔާބީތަކާއި ކުރާ އުންމީދުތަކަށް ސާބަސްދެއްވައި، މި ކަންކަމުން ހެކިކޮށްދެނީ މި ޖީލުން ކާމިޔާބީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއިން ހޯދާ ކާމިޔާބީތަކާ އެއްވަރަށް ވަޒީފާގެ މައިދާނުގައި ފުރުޞަތު އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި، ޤައުމީ ފެންވަރުގައި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގުރާމާއި، ނޭޝަނަލް ސަރވިސް ޕުރޮގުރާމު ފަރުމާކޮށްފައިވަނީ، ތަޢުލީމީ މައިދާނުން ވަޒީފާގެ މައިދާނަށް ދިއުމުގެ އިންތިޤާލީ މަރުޙަލާ އޮމާންކޮށްދިނުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



