އޮފީސްތަކާއި ކުންފުނިތަކުގެ މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް (ޕީއާރް) އޮފިސަރުންނަށް އަމާޒުކޮށްގެން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގަން ”ޝަހީބު މީޑިއާއިން“ ނިންމައިފިއެވެ.
ޝަހީބު މީޑިއާއިން ބުނި ގޮތުގައި ”މީޑިއާއަށް އަހުލުވެރިކުރުވުމުގެ މަތީފެންވަރުގެ ތަމްރީނު ޕްރޮގްރާމު“ ގެ ނަމުގައި ކުރިއަށްގެންދާ މި ކޯސް އޮންނާނީ މި މަހުގެ 23 އިން އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށެވެ.
މިއީ ރައްޔިތުންނާ ގުޅުންހުރި އެކިއެކި މަޝްރޫއުތަކާއި އިވެންޓުތަކުގެ އިތުރުން ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު ތާޒާކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގައި މުއައްސަސާތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ 20 ގަޑިއިރުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ބޭނުމަކީ އެ މުވައްޒަފުންނަކީ ދިވެހި މީޑިއާއަށް އަހުލުވެރި، އަދި މީޑިއާއާ ގުޅުން ބަދަހިކުރުމުގެ ހުނަރާއި ވައްޓަފާޅި ދަންނަ ބަޔަކަށް ހެދުން ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގެ ކުލާސްތައް އޮންނާނީ ކޮންމެ ރެއެއްގެ 8:00 އިން 10:00 އަށެވެ.
ޝަހީބު މީޑިއާއިން މައުލޫމާތު ދިން ގޮތުގައި، މަދުވެގެން 20 ގަޑިއިރު ކިޔަވައިދޭ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފީއަކީ 3،500 ރުފިޔާއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ބައެއް މުއައްސަސާތަކަށް ހިލޭ ފުރުސަތު ވެސް ދީފައިވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ. މި ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބޭނީ 100 އިންސައްތަ ހާޒިރީ ފުރިހަމަކުރާ ބައިވެރިންނަށެވެ.
މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ދިވެހި ނޫސްވެރިކަމުގައި 35 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ، އަދި ފާއިތުވި 25 އަހަރުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނަ ނޫސްވެރިން ތަމްރީނުކުރައްވައި އަމަލީ މައިދާނަށް ނެރެފައިވާ މުހައްމަދު ޝަހީބެވެ. އޭނާއަކީ ޝަހީބު މީޑިއާގެ ޕްރެޒިޑެންޓުގެ އިތުރުން ’އަދިވެސް އޮންލައިން’ގެ ސީއީއޯ އަދި އެޑިޓަރެވެ.




