ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފާއި ޕާކިސްތާނުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް، މިއަދު ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމަށް ތަހުނިޔާ ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުމަކީ ރާއްޖެއިން އަބަދުވެސް އަހައްމިއްޔަތުކަމެއް ދޭ ގުޅުމެއްކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން އިތުރަށް ބަދަހިވެ ދެޤައުމުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި މަންފާ ލިބިގެންދިއުމަށް އެދޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޯގަސްޓް މަހުގެ 14ވަނަ ދުވަހުއެވެ. މިދުވަސް ފާހަކުރަނީ، އޭރު އިންޑިއާ ޕާކިސްތާނު ހިމެނޭ ސަރަހައްދުގައި އިނގިރޭސިން ކުރަމުން އައި ވެރިކަން ނިމި، ޕާކިސްތާން މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރެވުނު ދުވަހެވެ.
މިއަަހަރު ފާހަގަކުރަމުން ދަނީ ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުއެވެ.



