އިންސާނުން ދުނިޔޭގައި އުޅުމަށް މާތް ﷲ ޚިޔާރުކުރައްވާފައިވާ ދީނަކީ އިސްލާމްދީން ކަމަށާއި، އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ސުންނަތް: އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު“ މި މައުޞޫއަށް މިއަދު ދިން ހުތުބާގައި ބުނީ، މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ލިބުމެއް ނުވާކަން ޚުޠުބާގައި ފާހަގަކުރިއެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި، އިސްލާމްދީނުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރްއާންވީ ފަދައިން، އެ ދީނުގެ ދެވަނަ މަޞްދަރަކީ ރަސޫލު ﷲގެ ސުންނަތެވެ. މާތް ﷲއަށް ކިޔަމަންވުމަށް ކުރައްވާފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާއަށް ކިޔަމަންވުމަށް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި އަމުރުކުރައްވާފައިވާކަން ވެސް އަލިއަޅުވާލިއެވެ. އަދި ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެކަލޭގެފާނަށް ތަބާވެ، ނަމޫނާއެއްކަމުގައި ބަލައިގަތުމަކީ މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ނޭނގޭނެކަން ބަޔާންކުރައްވަމުން، ނަމާދާއި ޙައްޖުގެ އަޅުކަން ފަދަ ފަރުޟު ކަންކަން އަދާކުރާނެ ގޮތުގެ ތަފްޞީލު އެނގެނީ ރަސޫލާގެ ސުންނަތުން ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމަކީ މުސްތަޙީލު ކަމެއް ކަމަށާއި، ޤުރްއާނާއި ސުންނަތަކީ ވަކިނުކުރެވޭނެ ދެ އަސާސް ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމާލަމުން، ކީރިތި ރަސޫލާގެ ސުންނަތަށް ޤަދަރުކޮށް، އެކަލޭގެފާނުގެ ސުންނަތަށް ޢަމަލުކުރާ މީހުންގެ ތެރެއިން ލެއްވުން އެދި ދުޢާކުރިއެވެ.



