މިދިޔަ އަހަރުގެ ތެރޭގައި އެކި ބޭނުންތަކަށް ޒަކާތު ފަންޑުން ޖުމުލަ 38.18 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޒަކާތު ހައުސްއިން އާންމުކުރި އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
ޒަކާތު ހައުސްގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވަނީ މިދިޔަ އަހަރު ހޭދަކުރި ކަންކަމާއި ކުރި މަސައްކަތްތަކުގެ ތަފްސީލުތައް ހާމަކޮށްފައެވެ.
މި ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބައިން 38.18 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެއިތުރުން ޢާމިލުންނަށް 4.21 މިލިޔަން ރުފިޔާ، މުއައްލަފަތު ޤުލޫބުހުމްގެ ބައިން 3500 ރުފިޔާ، ދަރަނިވެރިންގެ ބައިން 1 މިލިޔަން ރުފިޔާ، ފީސަބީލިﷲ ބައިން 13.44 މިލިޔަން ރުފިޔާ އަދި އިބްނު ސަބީލްގެ ބައިން 1.2 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ޒަކާތު ހައުސްއިން އެހީ ހޯދުމަށްޓަކައި ޒަކާތު އިދާރީ ކޮމިޓީއަށް 2111 މައްސަލައެއް ހުށަހެޅިއިރު، އޭގެ ތެރެއިން 1391 މައްސަލައަކަށް ވަނީ އެހީ ހަމަޖައްސައިދީފައެވެ. މިގޮތުން އެހީގެ ގޮތުގައި ޖުމުލަ 23.14 މިލިޔަން ރުފިޔާ ހަމަޖެއްސި އިރު، އެންމެ ގިނައީ ބޭސް ފަރުވާއަށް ހަމަޖައްސައިދިން އެހީއެވެ.
އިދާރީ ކޮމިޓީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެހީ ހަމަޖެއްސި ދާއިރާތަކުގެ ތަފްސީލު:
- ކެންސަރު: 5.2 މިލިޔަން ރުފިޔާ
- ހިތުގެ ބަލިތައް: 710،101.43 ރުފިޔާ
- ޓްރާންސްޕްލާންޓް: 3.5 މިލިޔަން ރުފިޔާ
- ސިކުނޑީގެ ބަލިތައް: 1.6 މިލިޔަން ރުފިޔާ
- ފުއްޕާމޭގެ ބަލިތައް: 929،403.13 ރުފިޔާ
- ކިޑްނީ ބަލިތައް: 646،251.50 ރުފިޔާ
- އެހެނިހެން: 10.3 މިލިޔަން ރުފިޔާ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގެ އުސޫލާއެކު އެ ދަފްތަރުގައި ރަޖިސްޓަރވުމަށް ހުޅުވާލުމުން މިދިޔަ އަހަރުގެ ނިޔަލަށް މާލެ ސަރަހައްދުން 165 ފޯމާއި އަތޮޅުތެރެއިން 311 ފޯމް ލިބިފައިވެއެވެ. އަދި މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 77 ރަށަކުން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އެއްވެސް މީހަކު ރަޖިސްޓަރވެފައިނުވާއިރު، އެ މުއްދަތުގައި ޖުމުލަ 2852 މީހުން ދަފްތަރުގައި ރަޖިސްޓަރކޮށްފައިވެއެވެ.
މިދިޔަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 13.57 މިލިޔަން ރުފިޔާ ލިބުނުއިރު، 2772 މީހުންނަށް ބޮަލަކަށް 4500 ރުފިޔާގެ ރޭޓުން 12.47 މިލިޔަން ރުފިޔާ ވަނީ ބަހާފައެވެ. އަދި މުދަލު ޒަކާތުގެ ގޮތުގައި 107.20 މިލިޔަން ރުފިޔަ ލިބުނުއިރު، ދަފްތަރުގައި ތިބި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާގެ ރޭޓުން ޖުމުލަ 14.26 މިލިޔަން ރުފިޔާ ބަހާފައިވާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.



