ރާއްޖޭގެ އެކި ހިސާބަށް މިއަދުވެސް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން މައުލޫމާތު ދިން ގޮތުގައި، މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. ނަމަވެސް އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
ރާއްޖޭގެ ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގައި 2 ފޫޓާއި 4 ފޫޓާ ދެމެދު ހުންނާނެ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދު ކަމަށް ލަފާކޮށްފައިވެއެވެ.
ނަމަވެސް، މާދަމާއިން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.




