ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތްކުރާ މަދަނީ ޖަމުޢިއްޔާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.
ޕަބްލިކް ހެލްތު ފަންޑުން ޚަރަދުކޮށްގެން ހިންގާ މި ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު 3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިފައިވާއިރު، މި އެހީއަށް އެދެވޭނީ މަދުވެގެން 12 މަސްދުވަސް ކުރިން ރަޖިސްޓްރީވެފައިވާ ޖަމްއިއްޔާތަކަށެވެ.
އަދި ހުށަހަޅާ ބަޖެޓުގެ އިދާރީ ޚަރަދުތަކަށް ބޭނުންކުރެވޭނީ ގާތްގަނޑަކަށް %20 އަށްވުރެ އިތުރުނުވާ މިންވަރެކެވެ.
މި އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ ޖިއޮގްރަފީ އަދި މަސައްކަތުގެ ނިސްބަތަށް ބަލައި ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
- ފުރަތަމަ ކެޓަގަރީއަކީ ވަކި ރަށަކަށް ނުވަތަ މުޖުތަމައަކަށް އަމާޒުކުރާ މަޝްރޫއުތަކެވެ. (ޕްރޮޕޯސަލަކަށް 75,000 އާއި 100,000 ރުފިޔާއާ ދެމެދު، ޖުމްލަ 400,000 ރުފިޔާ).
- ދެވަނަ ކެޓަގަރީއަކީ މުޅި ރާއްޖެއަށް އަމާޒުކުރާ ގައުމީ ފެންވަރުގެ ހަރަކާތްތަކެވެ (ޕްރޮޕޯސަލަކަށް 100,000 އާއި 300,000 ރުފިޔާއާ ދެމެދު، ޖުމްލަ 600,000 ރުފިޔާ).
- ތިންވަނަ ކެޓަގަރީއަކީ ގިނަ ރަށްތަކާއި އަތޮޅުތަކަށް އަމާޒުކުރާ ބޮޑެތި ޕްރޮގްރާމްތަކެވެ (ޕްރޮޕޯސަލަކަށް 300,000 އާއި 500,000 ރުފިޔާއާ ދެމެދު، ޖުމްލަ 2,000,000 ރުފިޔާ).
ހުށަހަޅާ ޕްރޮޕޯސަލްތައް ނޭޝަނަލް ޕަބްލިކް ހެލްތު ސްޓްރެޓަޖީތަކާއި ޑަބްލިޔުއެޗްއޯގެ އުސޫލުތަކާ އެއްގޮތްވާންޖެހެއެވެ. މައިގަނޑު ގޮތެއްގައި އަމާޒުކުރަންޖެހެނީ ދުންފަތުގެ ގެއްލުމަށް ހޭލުންތެރިކުރުވުމާއި، ކުޑަކުދިންނާއި ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރަން ފެށުން ހުއްޓުވުމާއި، ދުންފަތް ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ކައުންސިލިންގ ދިނުމާއި، ދުންފަތުން ރައްކާތެރިވެފައިވާ މާހައުލުތައް ގާއިމުކުރުމުގެ އިތުރުން ގާނޫނާއި ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވުމަށެވެ.
މި އެހީގެ ދަށުން ފާސްވާ ހުރިހާ މަޝްރޫއެއް ގިނަވެގެން 10 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭނެއެވެ. ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން އިންސްޓޯލްމަންޓަކަށް ބަހާލައިގެންނެވެ.
އެއީ އެއްބަސްވުމުގައި ސޮއިކުރުމުން %30، މަޝްރޫއުގެ %50 ނިމި ކުރިއެރުމުގެ ރިޕޯޓު ފާސްވުމުން %35، އަދި މަޝްރޫއު މުޅިން ނިމި ފައިނަލް ރިޕޯޓު އެޗްޕީއޭއިން ފާސްކުރުމުން ބާކީ %35 ފައިސާއެވެ.



