ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ހ.އ އުތީމަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގަތުމުން، އެ ރަށުން ވަނީ ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ޒިޔާރަތުގައި، ރައީސް މުޢިއްޒު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއަދުގެ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރުދިނުމުގެ ޤައުމީ އިނާމު އެމަނިކުފާނު ދެއްވާނެއެވެ. މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބެނީ 3 ބޭފުޅަކަށާއި ޖަމްޢިއްޔާއަކަށެވެ. އަދި ހިތްވަރުދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ލިބެއެވެ. މީގެއިތުރުން، ޚިދުމަތުގެ ޤައުމީ އިނާމު، އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ވަނީ ނިންމަވާފައެވެ.
މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:00 ގައެވެ. މި ޒިޔާރަތުގެ ތެރެއިން، ރައީސް މުޢިއްޒު އުތީމުގައި ”ބޮޑުތަކުރުފާނު ހަނދާނީ ދޮރޯށި“ އިފްތިތާޙުކޮށްދެއްވާނެއެވެ. އަދި ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދު ބުނެދޭ ވާހަކަ ވައުވެސް ރައީސް ހުޅުވާދެއްވާނެއެވެ.
އުތީމުގައި ޤައުމީ ދުވަހުގެ ހަރަކާތްތައް އިއްޔެ ހެނދުނު ފަށާފައިވަނީ އެ ރަށުގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުންނެވެ. އަދި ރޭ އުތީމުގައި ހަވާ އެރުވުމުގެ ރަސްމިއްޔާތެއްވެސް ވަނީ ބާއްވައިފައެވެ.



