މުދާ އުފުލާ ސަޕްލައި ދޯނި ”ފްރެންޑް 4“ އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ، ހޯމް މިނިސްޓަރު އަލީ އިޙްސާން އާއި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު ސާޖަންޓް ނާފިޢުގެ އާއިލާ ދިރިއުޅޭ ގެއަށް ޒިޔާރަތްކޮށް ބޭއްވި މި ބައްދަލުވުމުގައި، މިނިސްޓަރާއި ސީޕީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު އަދި ފުލުހުންގެ އިސް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މި ބައްދަލުވުމުގައި ސާޖަންޓް ނާފިޢުގެ އަންހެނުންނާއި ދަރިފުޅުގެ އިތުރުން އާއިލާގެ އެހެން މެމްބަރުންނާ ބައްދަލުކޮށް ހިތްވަރު ދެއްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ހާދިސާގެ ޚަބަރު ލިބުމާއެކު އެރޭ ދަންވަރުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ފުލުހުން ގުޅިގެން، ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގެ މަޢުލޫމާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ހިއްސާކުރައްވާފައިވާ ކަމަށާއި، މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް ކެއްތެރިކަން ދެއްވުމަށް އެދި ރައީސް ދުޢާކުރައްވާ ކަމަށާއި އާއިލާއަށް ހިތްވަރު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދަކީ 1650 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ވާތީ، ރާއްޖޭގައި ހުރި ވަސީލަތްތަކުން އެ ހިސާބަށް ނުދެވޭތީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ސާޖަންޓް ނާފިޢު މަސައްކަތް ކޮށްފައިވަނީ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަތިވެރި އަޒުމުގައި ކަމަށެވެ. އަދި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވައި ކޮމިޝަނަރު ވިދާޅުވީ މި މަސައްކަތުގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށާއި އެއްވެސް ކަމެއް ދޫކޮށްނުލައްވާނެކަމަށެވެ. އަދި މި ހިތާމާގައި ދިވެހި އެންމެހާ ފުލުހުން ބައިވެރިވާ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ހާދިސާ ތަހުގީގު ކުރުމަށް މާލެއިން ހާއްސަ ޓީމެއް ފޮނުވާފައިވާނެ ކަމަށާއި، އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަންވެސް ހިނގަމުންދާކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ ދެވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި ”ފްރެންޑް 4“ ދޯނި، ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް މި މަހުގެ ފަސްވަނަ ދުވަހުގެ ރޭގައެވެ. މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކައްޕި، ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫން އާއި ދޯނި ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދިޔަ ފުލުހުސް އޮފިސަރު އަލީ ނާފިއު އާއި އެމްއެންޑީއެފް ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.




