ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ތެރެއިން ހއ. އުތީމުގައި ތަރައްޤީކުރި ”ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މި ބިނާ ރައީސް ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ބިނާއަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރުމަށް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (ބޮޑުތަކުރުފާނު) އިސްވެ ހުންނަވައި ކުރެއްވި ތާރީޚީ ޖިހާދުގެ ހަނދާންތައް އައުކޮށްދޭ ގޮތަށް ފަރުމާކުރެވިފައިވާ ޚާއްސަ ބިނާއެކެވެ. މީގެއިތުރުން، މި ބިނާގެ ބިންގަލާއި މަތީބައިގެ އިތުރުން ސޯޅަވަނަ ގަރުނުގެ ފަންނުވެރިކަން ދައްކުވައިދޭ ލިޔެލާޖެހި މަސައްކަތްތަކުން ދިވެހީންގެ އެވޭލާ ތަރިކައާއި، ސަގާފަތާއި، އިސްލާމީ ހަޟާރަތު ރަމްޒުކޮށްދެއެވެ.
މި ބިނާގައިވާ މައިގަނޑު 6 ތަނބުން ރަމްޒުކޮށްދެނީ ކަޅުއޮއްފުންމީގައި ޖިހާދުކުރެއްވި 6 ބަޠަލުން ކަމުގައިވާ މުޙައްމަދު ތަކުރުފާނާއި، އަލި ތަކުރުފާނާއި، ޙަސަން ތަކުރުފާނާއި، ދުވާފަރު ދަންޑަހެލުގެ އިތުރުން ތިމަރަފުށީ ޢަލީ ހާޖީއާއި ޙަސަން ހާޖީއެވެ. އަދި ބިނާގައިވާ ތާނައަކުރުތަކާއި، މަރްޙޫމް މުޙައްމަދު ޖަމީލު ދީދީގެ ”ތާރީޚީ ހަނދާން“ ޅެމާއި، ދައުލަތުގެ ނިޝާންގެ އިތުރުން މަތީގައިވާ 6 ފާނޫޒުން ރަމްޒުކޮށްދެނީ ދިވެހިވަންތަކަމާއި ޤައުމަށް ލިބުނު އުންމީދާއި އަލިކަމެވެ.
ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ބިނާއަކީ ތަރިކައިން އާމްދަނީ ހޯދުމަށާއި އުތީމަކީ ދިރިހުރި ސަގާފީ ތަރިކަ މަންޒިލަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ޢަމަލީ ފެށުމެވެ.
މިފަދަ ވަސީލަތްތަކުގެ ސަބަބުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ، ގެސްޓްހައުސްތަކާއި، ކެފޭ-ރެސްޓޯރެންޓްތަކާއި، ޓުއަރ ގައިޑުންގެ ޚިދުމަތް ފަދަ ލޯކަލް ޓޫރިޒަމާއި އަތްތެރި މަސައްކަތްތަކަށް ކުރިއެރުން ލިބި، ރަށުގެ އިޤްތިޞާދު ވަރުގަދަވެގެންދާނެއެވެ.




