އިންޑޮނޭޝިއާގެ އެންޑެ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން (މެޓް) އިން ބުނެފިއެވެ.
މި ހާދިސާއާ ގުޅިގެން މެޓުން ނެރުނު ބަޔާނުގައި ބުނީ، ރޭ ދަންވަރު 2:58 ހާއިރު އިންޑޮނީސިއާގެ ސަރަޙައްދަށް ބިންހެލުން އައިސްފައިވަނީ، 7.6 މެގްނިޓިއުޓުގެ ބާރުމިނުގައި ކަމަށެވެ.
އަދި ބިންހެލުން އައިސްފައިވާ ސަރަޙައްދަކީ މާލެއާއި 5482 ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދެއް ކަމަށާއި، އަދި އިންޑޮނޭޝިއާގެ ސަރަޙައްދަށް އައި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށް ބުންޏެވެ.
ރިކްޓާ މިންގަނޑުން 7.7 ބާރުމިނުގައި އައި މި ބިންހެލުމާ ގުޅިގެން މިހާތަނަށް އިންޑޮނޭޝިއާއިން ފަސް މީހަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ. ނިދާފައި ތިއްބައި އައި މި ބިންހެލުމާ ގުޅިގެން ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައިވާތީ ކަމާބެހޭ ފަރާތްތަކުން އަންނަނީ މީހުން ސަލާމަތް ކުުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ފުރަތަމަ އައި ބިންހެލުމަށް ފަހު އިތުރު ލޮޅުންތަކެއް ވެސް އައިސްފައިވެއެވެ. އެގޮތުން 6.1 ބާރުމިނުގައި ވެސް ބިންހެލުމެއް ވެސް އައިސްފައިވެއެވެ.
ބިންހެލުމާ ގުޅިގެން އިންޑޮނޭޝިއާއަށް ސުނާމީގެ އިންޒާރު ވެސް ނެރުނެވެ. ނަމަވެސް ބިންހެލުން އައިތާ ތިން ގަޑިއިރު ފަހުން އެ އިންޒާރު ވަނީ އުވާލައިފައެވެ.



