ދިވެހި ދައުލަތުން ދެއްވާ ޝަރަފުގެ ޢިއްޒަތުގެ ތެރެއިން ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް ކަށިމާ އަޙްމަދު ޝާކިރަށް މިއަދު އަރުވައިފިއެވެ.
މި ޢިއްޒަތް އޭނާއަށް އަރުވާފައިވަނީ ހއ. އުތީމުގައި މިހާރު ކުރިއަށްދާ މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ކަށިމާ ޝާކިރަށް މި އިއްޒަތް އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ޝަރަފަކީ ދިވެހި ދައުލަތަށާއި ގައުމަށް އެކި ދާއިރާތަކުން ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ މުހިންމު ޢިއްޒަތެކެވެ.
ކަށިމާ އަޙްމަދު ޝާކިރު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1969 ވަނަ އަހަރުގައެވެ. އޭގެފަހުން މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ ހިދުމަތުގައި އުޅުއްވުމަށްފަހު، 2010 ވަނަ އަހަރުގެ ތެރޭގައި ވަކިވެވަޑައިގެންނެވިއިރު، ދައުލަތުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވެއެވެ.
ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ނަމަވެސް، ކަށިމާ ޝާކިރު މިހާރުވެސް ގެންދަވަނީ ދިވެހި އަދަބިއްޔާތުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުންނެވެ.



