ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޤައުމީ ބަޠަލު، ބޮޑުތަކުރުފާނުގެ ތާރީޚީ ޖިހާދު ކިޔައިދޭ ’ވާހަކަ ވައު‘ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މިތަން ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އުތީމު ކަނދުވަލު މިސްކިތް ސަރަޙައްދުގައި ހުންނަ ޤުދުރަތީ ވަލުތެރޭގައި ތަރައްޤީކޮށްފައިވާ މިތަނަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ކިޔައިދޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. އެގޮތުން 1558 އިން ފެށިގެން 1573 އާ ހަމައަށް ހިނގާދިޔަ ތާރީޚީ ކަންކަން ސިފަކޮށްދޭ ޖުމްލަ 14 ބޯޑެއް މި ވަލުގެ މަގުތަކުގައި ވަނީ ބަހައްޓާފައެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޤައުމިއްޔަތަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން، ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
ސަރުކާރުގެ އަމާޒަކީ އުތީމަކީ ސަގާފީ ފަތުރުވެރިކަމާއި ޤައުމީ ތާރީޚުގެ މުހިންމު މަރުކަޒަކަށް ހެދުމެވެ.

މިފަދަ ތަންތަން ތަރައްޤީކުރުމުގެ ސަބަބުން އާސާރީ ބިނާތައް ރައްކާތެރިކުރެވި، ޒުވާން ޖީލަށް ތާރީޚީ މަޢުލޫމާތު ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ. އަދި މީގެ އިތުރުން، އުތީމަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ، ރަށުގެ ގެސްޓްހައުސްތަކާއި، ކެފޭތަކާއި، ގައިޑުންނާއި، ސަގާފީ މަސައްކަތްތެރިންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށް ތަރިކައާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.




