ހއ. ބާރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބާރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކުނި މެނޭޖުކުރުން ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ޝިނާން އެވެ. އަދި ބާރަށު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ޢަލީ ޝަމީމް އެވެ.
މި ރަސްމިއްޔާތަށްފަހު މައުލޫމާތު ދެއްވަމުން ވެމްކޯގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ޝިނާން ވިދާޅުވީ، މިއީ އެ ރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ފެށުމުގެ އެންމެ ފުރަތަމަ މަރުހަލާ ކަމަށެވެ.
”އަދުގެ ރައީސްގެ ވަރަށް ބޮޑު ވައުދެއް މިއީ ދިވެހިރާއްޖޭގެ ރަށްތަކުގައި ކުނި ރަނގަޅު ގޮތުގައި މެނޭޖުކުރުމުގެ ކަންތައްތައް އެންމެ ފުރިހަމައަށް ގެންދިއުން. އެގޮތުން މިއަދު ވެމްކޯއާއިއެކު ސޮއިކުރެވިގެން މިދިޔައީ އޭގެ އެންމެ ފުރަތަމަ އެއް މަރުހަލާ. ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ބާރަށުގައި ކުނި މެނޭޖުކުރުމުގެ ކަންތައްތައް ކައުންސިލާއި ގުޅިގެން ރާވައިގެން ކުރިއަށް ގެންދެވޭނެ. މިރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މި ބެލެވެނީ ކުރިއަށް އޮތްތަނުގައި،“ޝިނާން ވިދާޅުވިއެވެ.
ބާރަށު ކައުންސިލުގެ ރައީސް ޢަލީ ޝަމީމް ވިދާޅުވީ، އެކަށޭނަ ވަސީލަތްތަކާއި ބަޖެޓު ނެތުމުގެ ސަބަބުން މީގެކުރިން ކުނި މެނޭޖުކުރުމަކީ ކައުންސިލަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އަދި ވެމްކޯއާ މި މަސައްކަތް ހަވާލުވުމުން ރަށުގެ ހުރިހާ ގެއަކުން އުފެދޭ ކުންޏާއި އިޖުތިމާއީ ސަރަހައްދުތަކުގެ ކުނި މެނޭޖުކޮށް ނައްތާލުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވޭސްޓް މެނޭޖްމަންޓް ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި މި އެއްބަސްވުމުގެ ދަށުން ބާރަށުން ހުރިހާ ކުންޏެއް ބޭރުކުރެވޭނެ ކަމަށާއި، ތާރީޚީ އާސާރުތައް ގިނަ ބާރަށަކީ ސާފުތާހިރު، ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ރަށަކަށް ހެދުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.




