މާލެ ޓެކްސީ ލައިންގެ ހިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ހެކްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ޚަބަރެއް ކަމަށާއި، މައުލޫމާތު ލީކުކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފެއް ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މަޢުލޫމާތުތަކަށް ބަދަލު ގެނެސް ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީން ޝޮޓް ނަގައި ލީކުކޮށްފައިވަނީ ކުންފުނީގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގުން ކަށަވަރުވެފައިވާ ކަމަށެވެ.
އަދި އެ މުވައްޒަފު އެކަން ކޮށްފައިވަނީ އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ޑޭޓާބޭސް ސިސްޓަމަށް ބަދަލުގެނައިކަން އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަވުމާއެކު، ވަގުތުން އެކަން އޮޕަރޭޝަންސްގެ ސަމާލުކަމަށް ގެނެސް ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެންދިޔަ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ކުންފުނީގެ ސާވަރާއި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރޭގެ 11:30 ގައި ރައްކާތެރިކަމާއެކު ރީސްޓޯކޮށް ރައްކާތެރި ކުރެވިފައިވާ ކަމަށާއި، ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
މިއީ އެޕްލިކޭޝަންގެ ފަޔަވޯލްއަށް ބޭރުން ހަމަލާއެއް ދީގެން ހިނގާފައިވާ ކަމެއް ނޫންކަން ފާހަގަކޮށް، އެމްޓީސީސީން ވަނީ އެ އަމަލު ހިންގި މުވައްޒަފު މިހާރު ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ކުންފުނީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެ މުވައްޒަފާމެދު އަޅާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން އިތުރަށް ބުނީ މިފަދަ އަމަލުތަކުގެ މަގުސަދަކީ ކުންފުނިން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ ލޯތްބާއި އިތުބާރު އަދި ރީތި ނަން ކިލަނބުކުރުން ކަމަށެވެ.
އަދި ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ އަރުވާފައެވެ.




