ކ. ވިލިނގިލީގައި ޑިންގީ ޖެޓީއެއް ތަރައްޤީ ކުރުމާއި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.
ވިލިނގިލީ ޑިންގީ ޖެޓީ ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ 14.91 މިލިއަން ރުފިޔާ ޚަރަދުވާ މަޝްރޫއެކެވެ. މި މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު، މި މަޝްރޫޢުގެ ދަށުން 3,698 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 3 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 74 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 24 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި، 74 މީޓަރު ދިގު މީޓަރު ފުޅާ ބްރިޖެއް ހެދުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
ވިލިނގިލީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. 45.66 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 1.09 ހެކްޓަރުގެ ބިން ހިއްކުމާއި، 150 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 181 މީޓަރުގެ ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ.
ވިލިނގިލީ ގޮނޑުދޮށް ހިމާޔަތް ކުރެވުމާއެކު ރަށްގިރުމުގެ ނުރައްކަލަށް ބޮޑު ހައްލެއް ލިބި، ރައްޔިތުންނަށް ހިމާޔަތްކޮށްފައިވާ ރައްކާތެރި ގޮނޑުދޮށެއް ލިބިގެންދާނެއެވެ. އަދި ޑިންގީ ޖެޓީ ހަދައި ނިމުމުން އެކި ބޭނުންތަކަށް ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.




