މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިންތިޒާމުކޮށްގެން ހއ. އުތީމުގައި ކުލަގަދަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
ފެނަކައިން ބުނިގޮތުގައި، ޤައުމީ ދުވަހުގެ އުފާ ފާޅުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ހަވީރުގައި، ކުޑަކުދިންގެ މެދުގައި މަޤްބޫލު ތަފާތު ގިނަ ކުޅިވަރުތަކާއި ޝައުޤުވެރި ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެ ރަށުގެ ގިނަ އަދަދެއްގެ ކުޑަކުދިން ވަރަށް ފޯރިއާއި ޖޯޝާއެކު މި ހަރަކާތްތަކުގައި ބައިވެރިވެފައިވާއިރު، އުތީމުގެ ރައްޔިތުންގެ ފަރާތުންވެސް މި ހަވީރަށް ވަރަށް ފުރިހަމަ ތަރުޙީބަކާއި އެއްބާރުލުމެއް ލިބިގެންދިޔައެވެ.

ފެނަކައިން ބުނީ، މި ހަވީރުގެ އެންމެ ޚާއްޞަ އެއް ޙަރަކާތެއްގެ ގޮތުގައި ފާހަގަކުރެވުނީ، ދިވެހި ތާރީޚީ އުޅަނދު ”ކަޅުއޮށްފުއްމި“ ނަމޫނާއަކަށް ބަލައިގެން، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ފެނަކައިގެ މުވައްޒަފުން ފަރުމާކޮށް ތައްޔާރުކުރި ކުޑަ ދޯންޏެއް ކަމަށެވެ. ފެނަކަ ޓީމުގެ މި އުފެއްދުމަށް ކުޑަކުދިންގެ އިތުރުން ރަށުގެ އެންމެހައި ރައްޔިތުންގެ ބޮޑު ސަމާލުކަމަކާއި ތަޢުރީފެއް ލިބިފައިވާކަމަށް އެކުންފުނިން ބުންޏެވެ.
މިފަދަ ހަރަކާތެއް އިންތިޒާމުކުރުމުގެ މައިގަނޑު މަޤްޞަދަކީ، ޤައުމީ ދުވަހުގެ ތާރީޚީ އަހައްމިއްޔަތުކަމާއި ޤައުމީ ރޫޙު ޅަދަރިންގެ ހިތްތަކުގައި ބިންވަޅުނަގައިދީ، އުފާވެރި މާޙައުލެއްގެ ތެރެއިން މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ބަދަހިކުރުން ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނިގޮތުގައި، ޤައުމީ ދުވަހުގެ ރަސްމީ އެކި ޙަރަކާތްތަކަށް އުތީމު ޒީނަތްތެރިކޮށް ތައްޔާރުކުރުމުގައި އެކުންފުނީގެ މުވައްޒަފުން ވަނީ ނަމޫނާ ދައްކުވައިދީ، ވަރުބަލިކަމެއްނެތި ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.



