ހޯލްސޭލްކޮށް ގަންނަ ޕްލާސްޓިކް ކޮތަޅު ބޮނޑިތަކުން ނަގަމުން އައި 2 ރުފިޔާގެ ފީ އިސްތިސްނާ ކުރުމަށްޓަކައި ކުނި މެނޭޖްކުރުމުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އުގޫފާރު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ޝިފާޒް ހުށަހެޅުއްވި މި އިސްލާހު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި މިހާރު ކަނޑައަޅާފައިވާ ގޮތުން، ވިޔަފާރި މުއާމަލާތްތަކުގައި ކަސްޓަމަރުންނަށް ދޫކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް 2 ރުފިޔާގެ ފީއެއް ނަގަން ޖެހެއެވެ. ނަމަވެސް، ޑިއުޓީ ފްރީ ފިހާރަތަކުން ދޭ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅުގެ އިތުރުން ކުނި އެޅުމަށް ހާއްސަކޮށް ދޫކުރާ ބިންލައިނަރުން ފީ ނެގުން މިހާރުވެސް އޮންނަނީ އިސްތިސްނާކޮށްފައެވެ. މިއަދު ފާސްކުރި އިސްލާހާއެކު، 50 ކޮތަޅަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިތައް ވެސް މި އިސްތިސްނާވާ ބާވަތްތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި އުސޫލަކުން ކުނި މެނޭޖުކުރުމުގެ ނިޒާމު ހިންގުމާއި، މިހާރު އޮތް ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ. އަދި ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުމަކީ މަނާ ކަމެއްގެ އިތުރުން ކުށެއް ކަމުގައި ކަނޑައެޅުންވެސް މި ބިލުގައި ހިމެނެއެވެ.
މީގެ އިތުރުން، އިގުތިސޯދީ އަދި ސިނާއީ މަސައްކަތްތައް ހިންގާ ސަރަހައްދުތަކުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތުތައް އެކުލަވާލުމާއި، ގައުމީ މާސްޓަ ޕްލޭނާއި ސިޓީތަކުގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ގާއިމުކުރުމަށް މި ބިލުން ލާޒިމުކުރެއެވެ.
އަދި ކުނި މެނޭޖުކުރާ މަރުކަޒުތަކާއި އެކަމަށް ބޭނުންކުރާ ވަސީލަތްތަކުގެ މިންގަނޑުތައް ކަނޑައެޅުމަށްވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.



