ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ހުރި ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުތައް އެޅުމަށް ހަމަޖެހިފައިވަނީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި، ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މިހާރު ހިންގަމުންދާ ތަންތަނާއި، މިނިސްޓްރީގެ ހުއްދަނެތި އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން، އެ ފަރާތްތަކުގެ ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކާފައިނުވާ ފަރާތްތަކާމެދުގައެވެ.
އެހެންކަމުން، ޓޫރިޒަމްގެ ބޭނުމަށް ތަންތަން ކުއްޔަށް ހިފާފައިވާ އެންމެހައި ފަރާތްތަކުން، އެފަރާތްތަކުން ދަޢުލަތަށް ދައްކަންޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ވީ އެންމެ އަވަހަކަށް ދައްކައި ޚަލާޞްކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.




